18 Jun 2012, 13:19
ދިވެހިންނަށް އެހީތެރިވުމަށް ރާބިތަތުލް އާލަމިލް އިސްލާމީ އިން ގޮވާލައިފި އެވެ.
ދިވެހިންނަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިރާކޮށް ދުޅަހެޔޮ ކަންމަތީ ކުރިއަށް ދިއުމުގެ މަގު ތަނަވަސް ކޮށްދޭން އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިވެދިނުމަށް ރާބިތާގެ ހުރިހާ މުއައްސަސާ ތަކަށާއި ހުރިހާ އިސްލާމީ ގައުމުތަކަށް އެ ޖަމާއަތުން ގޮވާލި އެވެ.
ފޯމާ ޕްރެޒިނެޑްޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާބިތާއިން ރާއްޖެއަށް އެހީތެރިވާން ގޮވާލީ އިއްޔެ ނިމުނު އެ ޖަމިއްޔާގެ ތައުސީސީ މަޖިލިހުން ނެރުނު ބަޔާނެއްގައި ކަމަށެވެ.
ރާބިތާގެ އެ ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރާބިތާގެ ބަޔާން ބުނަނީ ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި ދިވެހި ރައްޔިތުންގެ އިސްލާމީ އަގީދާ ބަލިކަށިކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަންކަމުން ސަލާމަތްވާން ރާބިތާގެ މުއައްސަސާތަކާއި އިސްލާމީ ގައުމުތަކުގެ މާލީ އެހީ އާއި ފިކުރީ އެހީ ރާއްޖެއަށް ބޭނުންވެފައިވާ ކަމަށެވެ.
ރާއްޖޭގެ ކަންކަން ރާބިތާގެ އަމީންއާންމު ވަރަށް ކައިރިން ބައްލަވަމުން ދާކަމަށް ވެސް ބަޔާން ބުނެ އެވެ.
ރާބިތާއިން އެހީވާން ގޮވާލާފައި ވަނީ އަރަބި އިސްލާމީ ގައުމުތަކުގެ ދީލަތި އެހީ އާއި އެއްބާރުލުން މިވަގުތު ރާއްޖެ އަށް ވަރަށް މުހިންމު ކަމުގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ރާބިތާގެ ޖަލްސާގައި ތަގުރީރު ކުރައްވަމުން ވިދާޅުވެފައި ވަނިކޮށެވެ.
މައްކާގައި މިދޔަ ހޮނިހިރު ދުވަހު ފެށި ތައުސީސީ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ރާއްޖެ އަށް މިވަގުތު ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމާއެކު ރާއްޖެ މިވަގުތު ތަޖުރިބާ ކުރަން ޖެހިފައިވާ އިގުތިސާދީ އަދި ސިޔާސީ އިޖުތިމާއީ މައްސަލަތަކުން ސަލާމަތްވެ ރާއްޖޭގެ މިހާރު ހުއްޓިފައިވާ ތަރައްގީގެ ދުވެލި އެއް އަމާޒެއްގައި އަލުން ފަށަން އެހީތެރިކަން ބޭނުންވާ ކަމަށެވެ.