26 Jun 2024, 22:34
އައިޖީއެމްއެޗްގެ ކެންސަރު ސެންޓަރުގައި މަސައްކަތް ކުރައްވަމުން އައި ޑރ.އަނާން ޝަފީއު އިއްޔެ ނިޔާވެއްޖެއެވެ.
އުމުރުން 28 އަހަރުގެ އަނާން ނިޔާވި ސަބަބެއް މިހާތަނަށް އެނގިފައި ނުވާއިރު އޭނާ ނިޔާވެފައި ވަނީ ސްރީލަންކާގައެވެ.
އަނާންއާ ގުޅޭ ގޮތުން ރާއްޖޭގެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު ޝިފާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނާންއަކީ ވަރަށް މޮޅު ޑޮކްޓަރެއްގެ އިތުރުން، ބަލި މީހުންނާއި އެއްކޮށް މަސައްކަތް ކުރާ މީހުންނަށް ވެސް އަޅާލައި، އޯގާތެރި ޒުވާނެއް ކަމަށެވެ.
އަނާންގެ ވަކިވުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަމާ ހިތާމަކުރި ނަމަވެސް، އަނާން މި ދާއިރާއިން ދެއްކި ނަމޫނާއަށް ބަލައިގެން ޑޮކްޓަރުން މަސައްކަތް ކުރަމުންދާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
އަނާންގެ ޖަނާޒާ ބާއްވައިފައި ވަނީ އިއްޔެ ކޮލޮމްބޯގައި، މަޣުރިބު ނަމާދަށް ފަހުގައެވެ.