އިލެކްޓްރޯނިކް ކުނި މަދުކުރުމަށާއި ޗާޖުކުރާ ގޮތްތައް އެއް އުސޫލަކަށް ފެއްތުމަށް އިންޑިއާ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުން އެ ގައުމުގައި ވިއްކާ ހުރިހާ ސްމާޓްފޯނާއި ޓެބްލެޓްތަކުގައި ޔޫއެސްބީ-ސީ ޗާޖިން ޕޯޓްތައް ހިމަނަން ޖެހޭ ގޮތަށް އާ އުސޫލެއް އިއުލާނުކޮށްފިއެވެ.

މި ނިންމުމަކީ ޔޫރަޕިއަން ޔޫނިއަންއިން ވެސް ތަންފީޒުކުރާ އެފަދަ ގަވާއިދުތަކަށް އިންޑިއާއިން ތާއީދުކުރާކަން އަންގައިދޭ ނިންމުމެކެވެ.

އަންނަ އަހަރުގެ ޖޫން މަހު އަމަލުކުރަން ހަމަޖެހިފައިވާ އާ ސިޔާސަތުގެ މަގްސަދަކީ އީ-ކުނީގެ ގޮތުގައި އުކާލާ ތަފާތު ޗާޖިން ކޭބަލްތަކާއި އެޑަޕްޓަރުތައް އިތުރުވުން މަދުކުރުމެވެ.

ޗާޖިން ޕޯޓް ސްޓޭންޑަރައިޒް ކުރުމުން ކަސްޓަމަރުންނަށް ގިނަ ޑިވައިސްތަކަށް އެއް ޗާޖަރެއް ބޭނުން ކުރެވޭނެ ކަމަށާއި އޭގެ ސަބަބުން، އުފައްދައި އުކާލާ ޗާޖަރުގެ އަދަދު މަދުކުރެވޭނެ ކަމަށް އާ އުޞޫލުގައި ބުނެފައިވެއެވެ.

މި އުޞޫލުގެ ސަބަބުން ބޮޑެތި ޓެކް ކުންފުނިތަކަށް، ހާއްސަކޮށް ޕްރޮޕަރައިޓަރީ ޗާޖިން ސޮލިއުޝަންތައް ބޭނުން ކުރަމުން އަންނަ ކުންފުނިތަކަށް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. މިސާލަކަށް އެޕަލް އިން މިހާރު ވަނީ އެފަދަ ގަވައިދުތަކާ ގުޅިގެން އެ ކުންފުނީގެ ޑިވައިސްތައް ޔޫއެސްބީ-ސީ އަށް ބަދަލުކުރަން ފަށައިފައެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމަކީ ޓެކް އިންޑަސްޓްރީގެ ސްޓޭންޑަރައިޒޭޝަންއަށް ދުނިޔޭގެ ފެންވަރުގައި އިތުރުވަމުންދާ ޓްރެންޑާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މިންވަރު ދައްކުވައިދޭ ނިންމުމެކެވެ. ސްމާޓްފޯނާއި ޓެބްލެޓަށް، މި އުޞޫލު އެންމެ ފުރަތަމަ ފޯކަސް ކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން އިލެކްޓްރޯނިކް ޑިވައިސްތަކަށް ވެސް މި އުޞޫލު ފުޅާވެދާނެ ކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސްމާޓްފޯން މާކެޓަށް ވާއިރު، މި ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ކަސްޓަމަރުންނާއި އުފެއްދުންތެރިންނަށް ވެސް ދުރުރާސްތާ އަސަރުތަކެއް މިކަމުގެ ސަބަބުން ކުރާނެ ކަމަށް ބެލެވެއެވެ.