18 Jun 2012, 13:17
ބަނޑޭރިކޮއްޓާއި ވިލިނގިލިމާލޭ ފްލެޓްތައް ސިފައިންނަށް ދޫކޮށްފައިވަނިކޮށް، އެގްރިމެންޓް ކުރެވިފައިވާ މީހުން ފިޔަވައި އެހެން މީހުން އެތަންތަނުގައި އުޅެމުންދިއުމާއި ސިފައިންގެ ވަޒީފާ އިން ވަކިވެފައިވާ މީހުން އަދިވެސް އެތަންތަނުގައި ދިރިއުޅެމުންދިޔަ ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެ މީހުން އެ ތަންތަނުން ނެރެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީ ބުނެފި އެވެ.
ސިފައިންގެ ވަޒީފާގައި ނޫޅޭ މީހުން ބަނޑޭރިކޮއްޓާއި ފުލެޓްތަކުގައި ދިރިއުޅެމުންދާ މައްސަލަ ފެންމަތި ކުރީ ޑިފެންސް މިނިސްޓްރީގެ މި އަހަރުގެ އޮޑިޓް ރިޕޯޓްގަ އެވެ. މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ޑިފެންސް މިނިސްޓްރީ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމަށް ފޮނުވި ސިޓީ ވެސް މެންބަރުންނަށް އިއްވާފައިވެ އެވެ. އެ ސިޓީގައި ޑިފެންސުން ބުނެފައި ވަނީ ފުލެޓްތަކުގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ މީހުން އެތަންތަނުން ނެރުމަށް ދަތިތަކެއް ހުރި ކަމަށެވެ. އެގޮތުން އެ މީހުންގެ މައްސަލަ ކޯޓަށް ވެއްދި ނަމަވެސް، އެ މައްސަލަތައް ދިގުލައިގެން ދިއުން އެކަށީގެންވާ ކަމަށެވެ. އަދި އެ ތަންތަނުން ނުކުތުމަށް އިންކާރުކުރާހާ ހިނދަކު އެތަންތައް ހުސްކުރެވެން ވެސް ނެތް ކަމަށް އޮޑިޓާ ޖެނަރަލް އަށް ޑިފެންސުން އަންގާފައިވެ އެވެ.
ޑިފެންސް މިނިސްޓްރީގެ މިއަދުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ސިފައިންގެ އިންޓާނަލް އޮޑިޓުން ފާހަގަވެފައިވާ ގޮތުގައި ފްލެޓް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ބަޔަކު އެ ތަންތައް ކުއްޔަން ހިފައިންގެ ދިރިއުޅެމުންދާ ކަމަށެވެ. އަދި ސިފައިންގެ ތެރެއިން އެގްރިމެންޓް ހަމަވެފައިވާ މީހުންނާއި ސިފައިންގެ ވަޒީފާގައި ނޫޅޭ މީހުން ވެސް އެ ތަންތަނުގައި އާއިލާއާ އެކު ދިރިއުޅެމުން ގެންދާ ކަމަށެވެ. އަދި އެއީ ސިފައިންގެ އާންމު ގަވާއިދާ ވެސް ހިލާފު ކަމެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
ބަނޑޭރިކޮށިން ސިފައިންނަށް ބޯހިޔާވަކިން ދީފައި ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ސިފައިން ވަޒީފާ އަށް ނުކުންނަ މީހުން މަދުވުމުން، ސިފައިންނަށް ބޯހިޔާވަކިކަންދީފި ނަމަ ސިފައިން ވަޒީފާ އަށް ވަންނަ މީހުން އިތުރުވާނެ ކަމަށް ބަލައިގެންނެވެ. އަދި ވިލިމާލޭގައި ހުންނަ ސިފައިންގެ ފުލެޓުން ބޯހިޔާވަކިން ސިފައިންނަށް ދީފައި ވަނީ ސިފައިންގެ ވަޒީފާގައި ގިނަ ދުވަސްވީ ބޭފުޅުންނަށެވެ.