26 Jun 2024, 12:32
އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަމްނާޒާއި އިތުރު ދެ މީހަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކުރީތޯ ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާން އަޙްމަދު ޝިފާން ވިދާޅުވީ، ޝަމްނާޒްއާއި އިތުރު ދެ މީހެއް ހިމެނޭ ގޮތުން ފުލުހުން ދަނީ މައްސަލައެއް ތަހުގީގު ކުރަމުން ކަމަށެވެ.
އިތުރު ތަފުސީލެއް ނުދެއްވައެވެ.
ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ މީހުން ވަރިވީ ވަރަށް ފަހުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ޝަމްނާޒު އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ވަނީ އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.
މި ކަމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.