26 Jun 2024, 12:32
މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ދައުލަތުން ދަރަންޏަށް ފައިސާ ނެގޭ އަދަދު މިހާރަށްވުރެ އިތުރުކޮށް، މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ފާސްކުރަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ ގޮތުން:
މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 (ނުވަދިހަ އެކެއް) ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރާގޮތަށް، އެ އިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައެވެ. މި ގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް އިންސައްތަ އަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިންނެވެ.
އެކަމަކު، ސަރުކާރުން މި ފަހަރު ހުށަހެޅިބިލުގައިވަނީ އެގޮތަށް ފައިސާ ނެގޭ އަދަދު އިތުރުކޮށްފައެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް -- ފޮޓޯ/ މަޖިލިސް
އެގޮތުން، މިއަދު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައިވަނީ:
ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ފައިސާ ނަގަންވާނީ، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް، އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް، އެޑްވާންސެއްގެ ގޮތުގައެވެ. މި ގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖު އާމްދަނީގެ 2.5 އިންސައްތައަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިންނެވެ.
އެހެންވެ، ސަރުކާރުން މިއަދު ހުށަހެޅި ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން މިހާރު ފައިސާ ޗާޕުކުރެވޭ އަދަދަށް ވުރެ ގިނައިން ޗާޕުކުރެވޭނެއެވެ.
ސަރުކާރުން ހުށަހެޅި ބިލުގައި ވާގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށުމާ އެކު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވައިލަން ޖެހޭނެއެވެ. އެކަން ކުރަންޖެހޭނީ ފިނޭންސް މިނިސްޓަރެވެ. އަދި، އެ ޗާޓަރު މަޖިލީހުން ފާސްކޮށް، ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން ސަރުކާރުން ބޭނުންވެއްޖެ ނަމަ ފިސްކަލް ޒިންމާގެ ޗާޓަރު މުރާޖާ ވެސް ކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އަމަލުކުރާ ޚަރަދަށް ޒިންމާވުމުގެ ގާނޫނެކޭ އެއްގޮތަށް މިހާރު ހުށަހެޅި ބިލުގައި ވާގޮތުން ވެސް ފައިސާ ޗާޕުކުރެވޭނީ ވަކި ޚާއްސަ ހާލަތްތަކެއްގައެވެ. އެގޮތުން ފައިސާ ޗާޕުކުރެވޭނީ:
ރިއަލް ޖީޑީޕީ އިތުރުވާ މިންވަރު ނުވަތަ ފަތުރުވެރިން ހޭދަކުރާ ރޭގެ މުއްދަތު ވިދިވިދިގެން ދެ ކުއާޓަރުގައި، ފާއިތުވި އަހަރުގެ އެ ކުއާޓަރާ އަލައިބަލާއިރު ސުމެއް އިންސައްތައަށް ވުރެ ދަށްވުން
ވިދިވިދިގެން ދެ ކުއާޓަރުގައި ދައުލަތުގެ އާމްދަނީ ފާއިތުވި އަހަރުގެ އެ ކުއާޓަރާ އަޅައިބަލާއިރު 25 އިންސައްތައަށްވުރެ ދަށްވުން
- މަހުން މަހަށް ބަލާއިރު އިންފްލޭޝަން ވިދިވިދިގެން ތިން މަހުގައި 15 އިންސައްތައަށް ވުރެ މަތިވުން
- ފައިނޭންޝަލް ނުވަތަ ސިސްޓަމެޓިކް ބޭންކިން ކާރިސާއެއް ކުރިމަތިވުން
- ބެލެންސް އޮފް ޕޭމަންޓްސްގެ ކާރިސާއެއް ކުރިމަތިވުން
ސަރުކާރުން ހުށަހެޅި ބިލުގައި އިތުރަށް ބުނެފައިވަނީ ފިސްކަލް ޒިންމާގެ ޗާޓަރުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކަށް އަމަލުކުރުން އިސްތިސްނާވާނީ ފިސްކަލް ޒިންމާގެ ޗާޓަރު އިސްލާހުކުރުމަށް ފަހު ވަޒީރުންގެ މަޖިލީހުން ފާސްކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަޖިލީހުން ވެސް ފާސްކުރުމަށް ފަހު، މަޖިލީހުން ކަނޑައަޅާ ވަކި މުއްދަތަކަށެވެ.
ކޮވިޑު 19ގެ ކާރިސާއާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ 2023 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އޭރު އޮތް 19 ވަނަ މަޖިލީހުން އޮތީ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާއެއް ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރުމުގެ ފުރުސަތު ދީފައެވެ.
އެކަމަކު، މި ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވި ފަހުން ފައިސާ ޗާޕުނުކުރާ ކަމަށް ބުނެފައެވެ.
ސަރުކާރުން އެހެން ބުނި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މި ސަރުކާރުން ވެސް އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގި ކަމަށް ތުހުމަތުކުރައްވައިފައެވެ. އިގުތިސާދީ ނަންބަރުތައް ބޭނުންކުރައްވައިގެން އެ މަނިކުފާނު ވިދާޅުވީ، ދަރަންޏަށް މި ސަރުކާރުން ނެގި ފައިސާއަކީ ވެސް ހަމަ ޗާޕުކުރި ފައިސާ ކަމަށެވެ.
ސަރުކާރުން އެ ވާހަކަތައް ދޮގުކުރެއެވެ.