18 Jun 2012, 13:02
މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ދިރާގުގެ މޯބައިލް ފޯނުތަކުން ބެލޭނެ އިންތިޒާމް ދިރާގުން ހަމަޖައްސައިފި އެވެ.
ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް މިއަދު ވިދާޅުވީ މި ހިދުމަތުގައި ދިރާގުގެ ތްރީޖީ ނެޓްވޯކް ލިބޭ ކޮންމެ ހިސާބަކަށް ވެސް މޯބައިލް ފޯން މެދުވެރިކޮށް ޔޫރޯގެ މެޗްތައް ބެލޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ހިދުމަތަކީ ދިރާގާއި މީޑިޔާނެޓާއި ގުޅިގެން ދޭ ހިދުމަތެއް ކަމަށެވެ.
މި ހިދުމަތުގައި މެޗް ބަލަން ކޮންމެ މެޗަކަށް ވެސް ދިރާގުން ނަގާނީ 15ރ. އެވެ. މުޅި މުބާރާތް އެއްކޮށް ބަލާ ނަމަ ނަގާނީ 80ރ. އެވެ.
"ލައިވް ސްޓްރީމްކޮށް މެޗް ބެލޭނެ ކެޕޭސިޓީ ހުރި ކޮންމެ ފޯނަކަށް ވެސް މި ހިދުމަތް ލިބިގެންދާނެ، އަދި މި ހިދުމަތް ބޭނުން ކުރާއިރު އެ މެޗަކަށް ކަނޑައަޅާ ވަރަށްވުރެ އިތުރަށް އިންޓަނެޓަށް އެއްވެސް ލާރިއެއް ޗާޖެއް ނުކުރާނެ،" އިމްޖާދު ވިދާޅުވި އެވެ.
މެޗްތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ތައާރަފުކުރި މި ހިދުމަތް ބޭނުންވާ ކަސްޓަމަރުން #1*7*123* އަށް ގުޅުމުން މޯބައިލް މެދުވެރިކޮށް މެޗު ބެލޭނެ ލިންކެއް އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ދިރާގުން ދޭނެ އެވެ.
ވަކި މެޗެއް ބަލަން ބޭނުންވާ ފަރާތްތައް ގުޅަންޖެހެނީ #2*2*7*123* އަށެވެ. މުބާރާތް އެއްކޮށް ބަލަން ބޭނުންނަމަ ގުޅަން ޖެހެނީ #1*2*7*123* އަށެވެ.
ޓަޗްނެޓް ގެންގުޅޭ ފަރާތްތަކަށް ވެސް މި ހިދުމަތް ދޭއިރު ޔޫރޯ ފުޓްބޯޅަ މުބަރާތަށް އަމާޒުކޮށް މިހާރު ވެސް ޕްރޮމޯޝަނެއް ހިނގަމުން އެބަދެ އެވެ.