12:09


ސިވިލް ސާވިސް ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައިފި އެވެ.


އެ ފަސް ބޭފުޅުންނަކީ މއ. ކިނބި ޑރ. މުޙަންމަދު ލަޠީފާއި، ގަލޮޅު ކޮއްކިރި މުޙަންމަދު ފަހުމީ ޙަސަނާއި، ގަލޮޅު ނިއުވޭވްސް އަޙްމަދު ޙަސަންދީދީ އާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ޢަބްދުﷲ ޖިހާދާއި، ގަލޮޅު އަލަފަރު ޚަދީޖާ އާދަމެވެ.


ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް މިބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ، މިބޭފުޅުން ކުރެއްވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.


އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބޭނުމަކީ، ޒަމާނީ ސިވިލް ސާވިސްއެއް ރާއްޖޭގައި ޤާއިމްވެ، އެ ސިވިލް ސާވިސްގެ ޚިދްމަތް ރައްޔިތުންނަށް ލިބިގެން ދިޔުން ކަމުގައި ވިދާޅުވިއެވެ. އަދި ސިވިލް ސާވިސް ކޮމިޝަން ނޫން ތަނަކަށް އެމަސައްކަތް ކޮށްދެއްވޭކަށް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ސަރުކާރާއި ސިވިލް ސާވިސްއާ ދެމެދު ފުރިހަމަ މަޝްވަރާތަކެއް ކުރެވެން އެބަޖެހޭ ކަމަށާއި، އަދި އަލަށް މި ޢައްޔަން ކުރެއްވި ސިވިލް ސާވިސް ކޮމިޝަނާއެކު، މަޝްވަރާގެ އުޞޫލުން ކަންތައްތައް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.