26 Jun 2024, 10:06
ކުރީ ސަރުކާރުތަކުން ފެނަކަ ކުންފުނި މެދުވެރިކޮށް ޚިޔާނާތެއް ހިންގާފައިވޭތޯ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިދިޔަ ސަރުކާރުގައި އެންމެ ބޮޑެތި ޚިޔާނާތުގެ ތުހުމަތުތައް ކުރެވުނު އެއް ކުންފުންޏަކީ ފެނަކައެވެ. އެކަމަކު، އޭރުގެ ސަރުކާރުންނާއި ފެނަކައިގައި އޭރު ތިއްބެވި ބޭފުޅުން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރު އިބްރާހިމް ދީދީ މިއަދު ވަނީ ފެނަކައިގެ ޚިޔާނާތްތައް ބަލަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ނެގި ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

މެންބަރު އިބްރާހިމް ދީދީ: ފެނަކައިގެ މައްސަލަތައް ބަލަން ގޮވާލައި ކުއްލި މައްސަލަ ހުށަހެޅުއްވީ އޭނާ -- ފޮޓޯ/ މަޖިލިސް
މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ އެކި ސަރުކާރުތަކުން ފެނަކަ ހިންގަން އިސްކޮށްފައިވާ ބޭބޭފުޅުން ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި، އެ ކަމުގެ ސަބަބުން ކުންފުނިން ރައްޔިތުންނަށްދޭ ޚިދުމަތްތަކަށް ވެސް ބުރޫއަރާފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައިވަނީ ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ ގެނައުމާއި ސަރުކާރުން މި ކަމާ މެދު އަޅާފައިވާ ފިޔަވަޅުތަކަކީ ނުވަތަ އަޅަން ގަސްތުކުރާ ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަތުމެވެ.
މައްސަލައިގެ ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފެނަކަ ވަރަށް ބޮޑަށް ދަރުވާލާފައިވާ ކަމަށެވެ. އެހެންވެ، އެ ފައިސާތައް ދޫކުރަން ޖެހުމުގެ ސަބަބުން ސަރުކާރަށް ވެސް ދަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކި ކުންފުންޏެއް ނެތް. ރޯޑް ކޯޕަރޭޝަން މިގޮތަށް ހަދާފައި އޮތީ. ހަމައެކަނި ފެނަކައިން އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދައްކަންޖެހޭ. އެންމެ ރުފިޔާއެއް ވެސް 2019 އިން ފެށިގެން މިހާތަނަށް ދީފަކާއެއް ނެތް،" އޭނާ ވިދާޅުވިއެވެ.
މެންބަރު އިބްރާހިމް ދީދީ ވަނީ ފެނަކައަށް ދިމާވެފައި އޮތް މައްސަލައިގެ ޒިންމާ މިދިޔަ ސަރުކާރުގައި އެ ކުންފުނި ހިންގަން ތިއްބެވި ބޭފުޅުން ނަންގަވަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދު މަޖިލީހަށް ހާޒިރުކުރަން ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.
"ފެނަކައަށް މި ދިމާވެފައި އޮތް ހުރިހާ ދައްޗެއް ދިމާވީ އޭރު ފެނަކައިގެ އެމްޑީއާ އެއްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ޣައިރުޒިންމާދާރުކަމުންނޭ. އެހެންވީމާ މި މައްސަލަތައް އަޅުގަނޑުމެން ބަލަންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ބައިވެރިވި ޕީއެންސީގެ އެހެން މެންބަރުން ވެސް ވަނީ ފެނަކައިގެ ޚިޔާނާތްތައް ބަލަން ގޮވާލައިފައެވެ.