ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅުނު ފަހު މެޗުގައި ޕޮލެންޑު އަތުން އެއްވަރުވުމާއެކު ގްރޫޕުގެ ފެވަރިޓުގެ ގޮތުގައި އޮތް ފްރާންސަށް އެއްވަނަ މަގާމު ގެއްލިއްޖެއެވެ.

ފްރާންސަށް ޕޮލެންޑް އަތުން ހޯދުނީ ޕޮއިންޓެކެވެ. އެއީ 1-1 ގެ ނަތީޖާއެކެވެ. ދެޓީމުންވެސް މެޗުގައި ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީންނެވެ. ފްރާންސްގެ ޕެނަލްޓީ ކާމިޔާބުކުރީ މާސްކް އަޅައިގެން ކުޅުން އެމްބާޕޭ އެވެ. ޕޮލެންޑަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ލެވަންޑޯސްކީ އެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ފްރާންސުންނެވެ. އެގޮތުން މި ލަނޑަކީ ދެވަނަ ހާފްގެ ކުރީކޮޅު ޑެމްބެލޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީގެ ބޭނުން ހިފާ އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ އެވެ.

ޕޮލެންޑުން ނަތީޖާ ހަމަހަމަ ކުރީ 79 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން އުޕަމެކާނޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ފުރަތަމަ ފުރުސަތުގައި ބޯޅަ ޖެހި ވަގުތު ކީޕަރު ރޮނގުމަތިން ބޭރުވިކަމަށް ނިންމާ ދެވަނަ ފަހަރަށް އެ ޖަހަން ފުރުސަތު ދިނެވެ. ދެވަނަ ފުރުސަތުގައި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ލެވަންޑޮސްކީ އެވެ.

މެޗުގައި ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ފްރާންސަށް ލިބުނެވެ. އޭގެތެރެއިން ގިނަ ފުރުޞަތުތައް ލިބުނީ އެމްބާޕޭއަށެވެ މި ނަތީޖާއާއެކު ޕޮލެންޑް މުބާރާތް ނިންމާލީ ފްރާންސް އަތުން ލިބުނު ހަމައެކަނި ޕޮއިންޓާއެކުއެވެ. ފްރާންސް ވަނީ ދެ މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވެގެން ފަސް ޕޮއިންޓު ލިބިފައެވެ.