ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ލައިޓު ކައިރީ އޮތް ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނީ މާ ގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

މިފަހުން މާލޭގައި ސައިކަލުތަކެއްގަައި ރޯކޮށްލި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.

މިގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހެންވޭރުގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއްގައި ރޯވެ، ފަސް ސައިކަލެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.

އަދި މިމަހުގެ ހަވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.