26 Jun 2024, 08:44
ތަފާތު އެކި ޖޯންރާގެ ފިލްމުތައް އުފައްދާފައިވާ ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"ގެ އެންމެ ފަހުގެ ފިލްމު "ކަމަނާ"ގެ ޓިކެޓު ދޫކުރަން ފަށައިފިއެވެ.
ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ތައްޔާރުކުރަމުން އަންނަ މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހުގައެވެ. އެގޮތުން އޯގަސްޓު މަހުގެ 27 ގައި ފިލްމު ޕްރިމިއާކުރާއިރު ފިލްމުގެ ޓިކެޓު މިހާރު ބުކްކުރެވޭނެއެވެ.
ފިލްމަށް ޓިކެޓު ބުކް ކުރުމަށްޓަކައި ގުޅާނީ 7458800 ނަންބަރަށް ކަމަށް ސެޓާން ސްޓޫޑިއޯއިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ މަހުގެ ތެރޭގައި އިއުލާނުކޮށްފައިވާ މި ޕްރޮޖެކްޓުގައި ވަރުގަދަ ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން، އެންމެ މުހިންމު ރޯލުތަކުން ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި މަރިޔަމް އައްޒަ ފެނިގެން ދާނެއެވެ. އޭގެ އިތުރުން، އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
މި ފިލްމުގައި ކިޔައިދޭނީ ރިމްޝާއާއި ހައިދަރުގެ ވާހަކައެވެ. އައިލާއަށް އާ މެންބަރެއް ލިބެން އުޅޭ ހިސާބުން ދިމާވާ ގަބޫލުކުރަން ދަތި ކަންތައް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމަކީ ހަގީގީ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ ކަމަށް ސެޓާން ސްޓޫޑިއޯއިން ބުނެއެވެ.
ފިލްމުގެ ޕްރޮޑިސަރުންނަކީ މިދިޔަ އަހަރު ނެރުނު ލޯބީގެ ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރުން ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ. ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މުނައްވަރު ވަނީ މީގެ ކުރިން ވެސް ދިވެހި މުޖުތަމައުގެ ތެރޭގައި ހިމެނޭ މައްސަލަތަކަށް ބަލައި އެކި ކަހަލަ ފިލްމުތައް ޑައިރެކްޓު ކޮށްފައެވެ.