އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު ޖުމްހޫރީ ޕާޓީއަށް ބަދަލުވެ ވަޑައިގެންނެވި ހަސަން ޝާހު އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އިންތިހާބުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ކަމަށް ޝާހު އިންތިހާބުވީ އެ މަގާމަށް ކުރިމަތި ލެއްވި މޫސާ ރަމީޒު ނަން އަނބުރާ ގެންދެވުމުން ސެކްރެޓަރީ ޖެނަރަލް ކަމަށް ޝާހު އިންތިހާބު ކުރަން ފެނޭތޯ ބަލަން އެޕާޓީގެ ޤައުމީ ހިންގާ ކޮމިޓީން ރޭ ނެގި ވޯޓު ކާމިޔާބު ކުރައްވައިގެން ކަމަށެވެ.

ރޭ ނެގި ވޯޓުގައި ޕާޓީގެ ސެކެރަޓަރީ ޖެނަރަލް ކަމުގައި ޝާހު ހުންނަވަން ފެންނަ ކަމަަށް ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 22 މެންބަރުންގެ ތެރެއިން 21 މެންބަރުން ވޯޓް ދެއްވި އެވެ. އަދި އޭގެތެރޭގައި ޝާހާއެކު ސެކްރެޓަރީ ޖެނަރަލް ކަމަށް ކުރިމަތި ލެއްވުމަށްފަހު ނަން އަނބުރާ ގެންދެވި މޫސަ ރަމީޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން މޫސާ ރަމީޒް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ކަމަށް ކުރިމަތި ލެއްވުމަށް ނަން އަނބުރާ ގެންދަވާފައި ވަނީ ސެކްރެޓަރީ ޖެނެރަލް ކަމަށް ބޭފުޅަކު ހޮވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ނެގި ވޯޓު އެއްވަރުވުމުން ދެ ވަނަ ބުރުގައި ވޯޓު ލާން ތައްޔާރުވެފައިވަނި ކޮށެވެ.

ކުރިން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވި ޝާހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ހޮވި ވަޑައިގެންނެވި އިރު އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ފުރުއްވި ޑރ. އިބްރާހިމް ދީދީ ވަނީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފަ އެވެ. އަދި ކުރިން އެމްޑީޕީގެ ނައިބު ރައީސް ކަމުގައި ހުންނެވި އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހިމެނި ވަޑައިގެންނަވާއިރު ކުރިން އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީގެ މަގާމުގައި ހުންނެވި މުހައްމަދު އިމްްތިޔާޒު ވެސް މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގަ އެވެ.