މިވަގުތަށް އެންމެ މުހިއްމީ ގްރޫޕުން އެންމެ ރަނގަޅު މަގާމު ހާސިލުކުރުމަށް ކަމަށާއި ޕޮލެންޑުން ނިކުންނާނީ ފްރާންސް ޓީމުގެ މައްޗަށް ކުރިހޯދުމަށް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޔޫރޯ 2024 ގްރޫޕް ޑީ ގައި މިރޭ ޕޮލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރިން ޑެޝޯމްޕްސް ބުނީ، އިދިކޮޅު ޓީމަށް އަބަދުވެސް ދޭންވާ ފުރިހަމަ އިހުތިރާމް ދޭނެ ކަމަށާއި، އަދި އޭނާ ގަބޫލުކުރާ ގޮތުގައި ޕޮލެންޑުން ނިކުންނާނީ ފްރާންސް ޓީމުގެ މައްޗަށް ކުރިހޯދުމަށް ކަމަށް ވެސް ބުނެފައެވެ.

އަދި ކޮންމެ މެޗެއް އެނަލައިޒްކުރާ ކަމަށާއި، ކޮންމެ މެޗެއްގައި ކުޅެނީ ތަފާތު ޓީމަކާ ދެކޮޅަށް ކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު މެޗަށްފަހު މިވީ ހަތަރު ދުވަހުގެ ތެރޭގައި ގްރޫޕުގެ ފަހު މެޗަށްޓަކައި މިހާތަނަށް ހެދިފައިވާ ގޯސްތައް ރަނގަޅުކޮށް، ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްސް ވަނީ، މިއީ އެންމެ މަތީ ލެވެލްގެ ފުޓްބޯޅަ ކަމަށްވުމާއެކު ޕޮލެންޑުން މުބާރާތް ނިންމާލައިގެން ތިބެ، އެ ވިސްނުމުގައި ފްރާންސާ ދެކޮޅަށް ނުނިކުންނާނެ ކަމަށް ވެސް ޑެޝޯމްޕްސްގެ ވާހަކައިގައި ފާހަގަކުރިއެވެ.

ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ބުނީ ފްރާންސް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އަރާމުކުރުމަށް ފަހު މިހާރު ހުރިހާ ވިސްނުމެއް ހުރީ ޕޮލެންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ކަމަށް ބުނެފައެވެ. އަދި ފްރާންސްގެ ޖާޒީގައި އަލުން މުބާރާތެއްގައި ކުޅެވޭތީވެ އުފާވާ ކަމަށްވެސް ކާންޓޭ ބުންޏެވެ.

މުބާރާތުގައި ފްރާންސާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރުއެވެ.