އޮސްޓްރިއާ ކުޅެނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ޕްރެޝަރު ކޮށްގެން ކަމަށްވާއިރު، ބޯޅަ ލިބޭވަގުތުތަކުގައި ވަރަށް ބޮޑަށް ފަރުވާތެރިވެ، ސަމާލުކަން ދޭންވާނެ ކަމަށް ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ އޮސްޓްރިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރިން ވާހަކަދައްކަމުން ކޫމަން ބުނީ އޮސްޓްރިއާ އާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށާއި އަންޑައެސްޓިމޭޓްކޮށްގެން ނުވާނެކަމަށް ބުނެފައެވެ.

ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގަވާއިދުން ކުޅުމުގެ ފުރުޞަތު ނުލިބޭ ކުޅުންތެރިން ހިމެނޭ ގޮތަށް މުޅި ސްކޮޑުގައި ތިބި އެންމެ ތިބީ އެއް ރޫޚެއްގައި މަސައްކަތްކޮށް، ކާމިޔާބު ހޯދުމަށް ތައްޔާރަށް ކަމަށްވެސް ކޫމަން ބުންޏެވެ.

ނެދަލެންޑްސްގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، އެކަމަކު ބައްދަލުކުރަންޖެހޭ ޓީމުގެ ގޮތުން ވެސް ބައެއް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށް ކޫމަން ބުންޏެވެ.

މެޗާ ބެހޭގޮތުން ނެދަލެންޑްސްގެ ޑިފެންޑަރު، ސްޓެފަން ޑެ ވްރައި ދެއްކި ވާހަކައިގައިވެސް ވަނީ، ހުރިހާ ކުޅުންތެރިން ތިބީ އެއް ރޫޚެއްގައި މަސައްކަތްކޮށް، މެޗު ކާމިޔާބުކުރުމަށް ކަމަށް ބުނެފައެވެ. އަދި ޓީމުގެ އެންމެންގެ މެދުގައި ދެއްކޭ ވާހަކަތަކަކީ ޓީމުގެ ބޭރަށް ގޮސްގެން ވާނެ ވާހަކަތަކެއް ނޫންކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އޮސްޓްރިއާ އާ ދެކޮޅަށް ނެދަލެންޑްސް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 9 ޖަހާއިރުއެވެ.