ޗައިނާގެ ބެއިންޖިންގައި ތިން ދުވަހުގެ ނިޔަލަށް ކުރިޔަށް ދިޔަ އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ (ބީއައިޓީއީ) ގައި ގާއިމްކުރި ރާއްޖޭގެ ސްޓޯލަށް އެކްސްޕޯގެ އެންމެ ރީތި އަދި އެންމެ ފުރިހަމަ ސްޓޯލްގެ މަގާމް ލިބިއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނުން (އެމްއެމްޕީއާރްސީ) ބުނީ މި އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީ އާއި ރިސޯޓްތަކާއި ޓްއާ އޮޕަރޭޓަރުންނާއެކު 44 ފަރާތަކުން ބައިވެރިވެ ފުރިހަމަ ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެކްސްޕޯގައި ރާއްޖޭގެ ޓޫރިޒަމް ޗައިނާގައި އިޝްތިހާރުކުރަން ގިނަ މަސައްކަތްތަކެއް ކުރިއަށްދިޔަ ކަމަށާއި އެކްސްޕޯގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ވެގެންދިޔަ ކަމަށެވެ.

ބީޖިން އެކްސްޕޯގައި 50 ގައުމަކުން ބައިވެރިވި އެވެ.

ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެ ގައުމުން ވަނީ 73،339 ޓޫރިސްޓުން ޒިޔާރާތްކޮށްފަ އެވެ. އަދި އެއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު 12.6 ޕަސެންޓް އިތުރު އަދަދެކެވެ.