25 Jun 2024, 15:48
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
އެ މަނިކުފާނު އިންޑިއާއަށް ވަޑައިގަތީ މި މަހު އަށްވަނަ ދުވަހުން 11 އަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ދަތުރުފުޅުގައި ރައީސް މުއިއްޒުގެ ވަފުދުގައި ހިމެނިގެން އަދި ސަޕޯޓު ސްޓާފުންގެ ގޮތުގައި ޖުމުލަ 20 ބޭފުޅުން އިންޑިއާއަށް ދަތުރުކުރެއްވި ކަމަށެވެ. އެ ވަފުދު އިންޑިއާއަށް ވަޑައިގަތީ ދުބާއީ އަދި ސްރީލަންކާ މަގުންނެވެ.
އެ ދަތުރަށް ސަރުކާރުން ވަނީ 1،440،170.33 ރުފިޔާ ޚަރަދުކޮށްފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގަތީ "ނެއިބާހުޑް ފަސްޓް" ޕޮލިސީގެ ދަށުން އެ ގައުމުން ދިން ދައުވަތަކަށެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ހާސިލުކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި ރައީސް އޮފީހުން ބުނީ، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އިދިކޮޅުގައި ތިބެ ޕީޕީއެމް/ޕީއެންސީން ފެށި "އިންޑިއާ އައުޓް" ކެމްޕޭނާ އެކު ދެ ގައުމުގެ ގުޅުން ހީނަރުވިއެވެ. އެ ގުޅުން އިތުރަށް ގޯސްވީ މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ކުޑައިމީސްކުރުމާ ގުޅިގެންނެވެ.
އެކަމަކު، އޭގެ ފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރަށް ފަހު ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވެފައެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީގެ އިތުރުން އެ ގައުމުގެ ރައީސް ދުރޫޕަދީ މަރުމޫއާ ވެސް ބައްދަލުކުރެއްވިއެވެ. އަދި، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ވެސް ބައްދަލުކުރެއްވިއެވެ.