25 Jun 2024, 16:37
ރާއްޖޭގެ ސީމަނުންނަށް ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް (ސިޑް) އަލުން ދޫކުރަން ފަށައިފިއެވެ.
މި ޑޮކިއުމެންޓް އަލުން ދޫކުރަން ފަށާފައި ވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބައިނަލްއަގްވާމީ ސީމަނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.
މިކަމާ ގުޅިގެން ވަޒީރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސިޑްގެ އިންތިޒާރުގައި ތިބި، ބޯޓު ދަތުރުކުރާ އެތައް ދިވެހިންގެ ހަތް އަހަރަށްވުރެ ދިގު އިންތިޒާރަށް ނިމުން ގެނެސް، އިއްޔެއިން ފެށިގެން ސިޑް ދޫކުރަން ފެށިކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ސީފެއަރާސްގެ ޚިދުމަތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް. ވުމާއެކު، އެމަނިކުފާނަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ވަޒީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ސިޑްއަކީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ މުއާހަދާއެއް ކަމުގައިވާ "ދަ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެންޝަން"އަށް 2003 ވަނަ އަހަރު ގެނައި ބަދަލާ އެއްގޮތައް އާގު ބޯޓުފަހަރުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ އަތުގައި އޮންނަން ޖެހޭ ލިޔުމެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެ ޑޮކިއުމެންޓް ދޫކުރަން ފެށިއެވެ. ނަމަވެސް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ ނިމިދިޔަ ސަރުކާރުން ދޫކުރި ލައިސެންސް އައިއެލްއޯގެ މިންގަނޑަށް ނުފެތޭ ކަމަށެވެ.
އޭރު ދޫކުރި ޑޮކިއުމެންޓްތައް މިންގަނޑަށް ނުފެތޭތީ ބައެއް ގައުމުތަކުން ސީމަނުން އެތެރެވިޔަ ނުދީ ފޮނުވާލާ ޖޫރިމަނާ ކޮށްފައި ވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން މިލިޔުން ފޯރުކޮށް ނުދިނުމުގެ ސަބަބުން ސީމަނުން ރެކްރޫޓް ކުރާ ކުންފުނިތަކުން މިދިޔަ އަހަރުގެ ފަހުކޮޅު ދިވެހީންނަށް ވަޒީފާ ދިނުން ހުއްޓާލާފައި ވާކަމަށްވެސް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.