18 Jun 2012, 11:53
މިދިޔަ އަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް ރައްޔިތެއްގެ މައްޗަށް ދައުލަތުން މިއަދު ދައުވާ އުފުލައިފި އެވެ.
ދައުވާ ކޮށްފައި ވަނީ ބަންގްލަދޭޝްގެ ދެލްވަރު ހޮސެއިން ގެ މައްޗަށެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް، އޭނާ ރާއްޖެ އެތެރެކުރީ މިދިއަ އަހަރު ޖޫން މަހު ލަންކާއިން ރާއްޖެ އައި ފްލައިޓަކުންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން 26 ވަނަ ދުވަހު ލަންކާއިން އައި ފްލައިޓަކުން ދެލްވަރު ރާއްޖެއައި އިރު އޭނާގެ އަތުގައި ގޮތް ނޭނގޭ އެއްޗެއް ހުރިކަމަށް ތުހުމަތު ކުރެވިގެން ކަސްޓަމްސް އިން އޭނާގެ ފޮށިތަންމަތި ޗެކްކުރި އިރު އެއް ކިލޯއަށް ވުރެ ގިނަ ކެނަބިސް ފެނިފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން މަނާ ކުރެވިފައިވާ މަސްތަވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގަ އެވެ.
ދައުވާއާ ބެހޭގޮތުން އެއްވެސް އެއްޗެއް ކޯޓްގައި ދެލްވަރު ބުނެފައެެއް ނުބުނެ ހަމައެކަނި އެދުނީ ގާނޫނީ ވަކީލެއްގެ އެހީ ބޭނުންވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މިއަދު ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރަން އޭނާއަށް ތިން ދުވަސް ދެއްވުމަށްފަހު އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ކްރިމިނަލް ކޯޓުން ވަނީ 730.80 ގްރާމް ކެނަބިސް ރާއްޖެ އެތެރެ ކުރި ބަންގުލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ވެސް އެ ކޯޓުން ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަންގްލަދޭޝްގެ ދެ މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.