ސިނަމާލެ ދެއެއްގައި ދިރިއުޅޭ ބަޔަކު، ސިނަމާލެ ތިނެއްގެ ޓެރަސްއިން އާތު ދަނގަޑުތައް ވަގަށް ނަގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ސިނަމާލެ ތިނެއްގެ ޓެރަސްގައި ހުރި އާތު ދަގަނޑު ބުރިކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެ ވައްކަން ކުރީ ސިނަމާލެ ދެއެއްގައި އުޅޭ ތިން ފިރިހެނުން ކަމަށާއި އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ސިނަމާލެ ތިނެއްގެ ޓެރެސް މަތިން ވައްކަން ކުރަން އުޅުނު މައްސަލައެއް މިއަދު 5:01ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދެ މީހުންނާއި 42 އަހަރުގެ މީހެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މާލޭގައި ވައްކަމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމުގެ 1693 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.