އެންމެ ބޮޑު މުސާރަ ލިބޭ ސިވިލްސާވަންޓުންގެ މުސާރައާ އެއްވަރަށް މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ކުރުމަށާއި މެންބަރުންގެ ކޮމެޓީ އެލަވަންސް ކަނޑާލަން މާލިއްޔަތު ކޮމެޓީއަށް ހުށަހަޅައިފި އެވެ.

މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އެވެ. އަދި ކޮމެޓީ އެލަވަންސް ކަޑާލެއްވުމަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ސިވިލްސާވަންޓުންގެ އެންމެ މަތީ މަގާމަކީ ޕާމަނަންޓް ސެކްރެޓަރީންނެވެ. އެ މަގާމުގެ މުސާރައަކީ 20500ރ. އެވެ.

މި ގޮތަށް ކޮމެޓީއަށް ހުށަހެޅުއްވެވި އިރު ކޮމެޓީ ނުބައްވާ މާޗް މަހުގެ ކޮމެޓީ އެލަވަންސްގެ 20000ރ. ނެންގެވުމަށް މިދިޔަ ބުދަ ދުވަހު ކާނަލް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރެޑްވޭވް ސަލީމް ވަނީ ތާއީދު ކުރައްވާފަ އެވެ. އެދުވަހު ރިޔާސަތުގައި އިންނެވީ ހަމްޒާ އެވެ. ނަމަވެސް މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެ ބޭފުޅުން ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާރައަކީ ރައްޔިތުންގެ ކަންބޮޑުވާ ވަރުގެ، މުސާރައެއް ކަމަށާއި އެހެން ކަމުން މެންބަރުންގެ މުސާރަ ކުޑަކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

އެންމެ ބޮޑު މުސާރަ ލިބޭ، ސިވިލްސާވަންޓުންގެ މުސާރައާ އެއްވަރަށް މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅުއްވަމުން ކާނަލް ވިދާޅުވީ ހުރިހާ މިނިވަން މުއައްސަސާތަކުގެ މުސާރަ ވެސް އެ މިންވަރަށް ކުޑަކުރަން ހުށަހަޅުއްވާ ކަމަށެވެ. އަދި އާސިޔާންގެ ގައުމުތަކުން މެންބަރުންނަށް ސިއްހީ ފަރުވާ ކުރެވޭ ގޮތައް ހަމަޖައްސާފައި އޮތް ނަމަވެސް، މަޖިލިސް ހުރިހާ މެންބަރުންގެ ބޭސް ފަރުވާ ކުރެވޭ ގޮތް އާސަންދައަށް ބަދަލު ކުރުމަށް ވެސް ކާނަލް ހުށަހެޅުއްވި އެވެ.

ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ބޭފުޅުނަށް ބޭރު ގައުމުތަކުން ސިއްހީ ފަރުވާ ހޯދޭ ގޮތަށް ދައުލަތައް ހަމަޖައްސަވާފައިވާ އުސޫލުތައް ހުއްޓާލައި އާސަންދައިން ހަރަދު ކުރެވޭ ގޮތަށް ހަމަޖެއްސަން ވެސް ހުށަހެޅުއްވި އެވެ.

ކޮމެޓީގައި މިއަދު މެންބަރުން ވަނީ އެ މައްސަލަ ކޮމެޓީގެ އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުށަހަޅުއްވާފަ އެވެ. އަދި މަޖިލީހަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއެކު އަމަލީ މަސައްކަތުގެ ތެރެއިން ކޮމެޓިގެ އެހެން މަސައްކަތްތައް ފަހަތައް ޖައްސާލައި އެ މަސައްކަތް ފެށުމަށް ވެސް މެންބަރުން އެދިވަޑައިގަތެވެ.

ކޮމެޓީ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމެޓިން ކުރަމުންދާ ކަމަށާއި އެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ފަށައިގަންނާނެ ކަމަށެވެ.