އިންޑިއާގެ އެހީގައި ސްރީލަންކާގައި ކަނޑުގެ ސަރަހައްދު މޮނިޓާ ކުރާނެ ސެންޓަރެއް ގާއިމްކޮށް، އެ ސެންޓަރު ހުޅުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކާގައި ހުޅުވި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަކީ އިންޑިއާއިން ފޯރުކޮށްދިން ހަ މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރި މަރުކަޒެކެވެ.

އެ މެރިޓައިމް ރެސްކިއުގެ ހެޑްކުއާޓާސް ހުންނަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ. އެހެން ނަމަވެސް ލަންކާގެ އިރުމަތީ އައްސޭރީގެ ހަތް ސަރަހައްދެއްގައި އިތުރު ހަތް ރިމޯޓް ސްޓޭޝަންތައް ވެސް ވަނީ ހަދައިފައެވެ. މީގެ ތެރެއިން އެއް ސްޓޭޝަން ހަދާފައި ހުރީ ޗައިނާއިން ހިންގާ ހަމްބަންޓޯޓާ ބަނދަރާ ކައިރީގައެވެ.

ލަންކާގައި ގާއިމްކޮށްފައިވާ މެރިޓައިމް ރެސްކިއު ސެންޓަރަކީ 1.77 މިލިއަން އަކަކިލޯމީޓަރު (683،400 އަކަ މޭލު)ގެ ސަރަހައްދެއް ބެލެހެއްޓުމުގެ ގާބިލްކަން ހުރި ތަނެކެވެ. އެއީ އިންޑިއާއިން ފެށިގެން އިންޑޮނޭޝިއާއަށް، އަދި އޮސްޓްރޭލިއާއާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ވެސް ބެލެހެއްޓޭހާ ބޮޑު ޖާގައެކެވެ.

އެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުޅުއްވައިދެއްވީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެރިކަމަށް ތިންވަނަ ދައުރަކަށް ހުވާކުރައްވައި ކެބިނެޓު އެކުލަވާލެއްވި ފަހުން، ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ލަންކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައެވެ.

މި ކަމާ ގުޅިގެން ޖައިޝަންކަރު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ ކޮލޮމްބޯއަކީ އިންޑިއާގެ "ނެއިބަހުޑް ފަސްޓު" ސިޔާސަތުގެ ދަށުންނާއި، ކަނޑުގެ ރައްކާތެރިކަމާބެހޭ ސިޔާސަތުތަކުގެ ދަށުން ވެސް މުހިންމު ބައިވެރިއެއް ކަމަށެވެ.