25 Jun 2024, 10:12
﷽
ވައި ބާރުވެ، އުޑުމަތި ބަނަކޮށްލަން ނެގީ ހިނދުކޮޅެކެވެ. ވިދާލި ވިދުވަރުގެ ގަދަ އައްޔާއިއެކު، ގުގުރަން ފެށިއެވެ. އަންނަން އުޅޭ ތޫފާނަކުން ސަލާމަތްވެ ތިބުމަށް އިންޒާރެއް ދޭފަދައިންނެވެ.
ދުވަމުންކަހަލަ ގޮތަކަށް އައިސް ގެއަށް ވަންއިރު، ރަޔާން ހުރީ ހަމަ ރަނގަޅަށްވެސް ތެމިފޯވެފައެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީސް ގައިގައި ހިފާލާފައި ހުރިއިރު، ކަސްރަތީ ހަށިގަނޑު ރީތިކޮށް ފާޅުވާން ހުއްޓެވެ. ކުޑަކޮށް ދިގުކޮށް އޮތް އިސްތަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތައް ރަޔާންގެ މޫނުގައި ބީހިލާފައި ތިރިއަށް އޮބިގެން ދެއެވެ. ރަޔާން އަސްކަނިދަށުގައި ހުރެ ބޫޓާއި އިސްޓާކީނު ބޭލިއެވެ. ޓައީގެ ގޮށް ދޫކޮށްލުމަށްފަހު، ބެގީ ނައްޓުވައިލިއެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މުޅި ސަރަހައްދުގައި އޮތީ ފެންބޮޑުވެފައެވެ.
"ދަރިފުޅާ! އެކަށް ތެމިފައެއްނު ތިހުރީ.." ރަޒީނާގެ އަޑާއިއެކު، ކޮޓަރިއާއި ދިމާއަށް ދިޔަ ރަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.
"ކުއްލިއަކަށް ވެހެން ފެށީމަ ވީގޮތް.." ރަޔާން ދެކޮނޑު އަރުވައިލިއެވެ.
"އޮފީސް ނިމުނީމަ މަންމައަށް ގުޅާލިނަމަ، ކުޑައެއް ހިފައިގެން ބަލާ ދިޔައީމުހޭ" ދަރިފުޅަށް ކުޑަ ނަމަވެސް ގެއްލުމެއް ލިބޭކަށް ރަޒީނާ ބޭނުމެއް ނުވެއެވެ. "ދޭ އަވަހަށް ފެންވަރައިގެން ކޮފީ ބޯން އާދޭ.."
********
"ކޮބާހޭ ކޮފީ؟ މިހާރު ކޮން އިރެއްތަ ކޮފީއެއް ގެންނަން ބުނެގެން އުޅޭތާ.." ރުޅި އައިސް ރަތްވެފައި ހުރި ޔަލްވީ ހަޅޭއްލަވައިގަތީ ގޭގައި ގެންގުޅޭ ތާސާއާއި ދިމާއަށެވެ.
ތާސާ ހުރީ މެންދުރުގެ ކެއުން ތައްޔާރުކުރުމަށްފަހު، ކާމޭޒުމަތީގައި ތަށިތައް އަތުރާށެވެ. ޔަލްވީ ކޮފީއެއް ގެންނަން ބުނިކަން އޭނާގެ ހަނދާނުން ކައްސައިލީއެވެ. ޔަލްވީ ދިޔަ ބާރުމިނުގައި ތަށިތަކުގައި އަތުންޖަހައި ބުރުވައިލިއެވެ. ތަށިތައް ތެޅި ބިއްލޫރިކޮޅުތައް މުޅި ތަނަށް ބުރައިގެން ދިޔައެވެ. ސިހުނުވަރުން ތާސާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ރުޅި އައިސްގެން ޔަލްވީ ކޮށްލާ ކަންކަމުން އޭނާގެ ހިތް ހުއްޓޭވަރުވެއެވެ.
ކޮޓަރީގައި ގުރުއާން ކިޔަވަން އިން ނަފީސާއަށް ދުވެފައި ސިޓިންގް ރޫމަށް ނުކުމެވުނު ގޮތްވެސް ނޭނގުނެވެ. ކާމޭޒު ކައިރީ ރުޅި އައިސް ފަޅައިގެންދާން ކައިރިވެފައި ޔަލްވީ ހުއްޓެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ، ތަންކޮޅެއް ދުރުގައި ގަބުވެފައި ހުރި ތާސާއަށެވެ. ބިންމަތީގައި ތެޅިފައި އޮތް ތަށިތައް ފެނުމުން ނަފީސާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ފައިދަށަށް ސަމާލުވެ ހުރެ، އަވަސް ފިޔަވަޅު ތަކެއްގައި އޭނާ ޔަލްވީގެ ކައިރިއަށް ދިޔައެވެ.
"ދަރިފުޅާ ކިހިނެއް ތިހެދީ؟" ޔަލްވީގެ ގައިގައި ފިރުމާލަމުން ނަފީސާ އަހައިލީ ނުހަނު ލޯބިންނެވެ.
"އައި ޑޯންޓް ލައިކް ހާރ.." ތާސާއަށް އިޝާރާތްކުރަމުން ޔަލްވީ ބުނެލިއެވެ.
"ދަރިފުޅު މިތާ އިށީނދޭ، ފަޔަށް ބިއްލޫރިކޮޅެއް ހެރިދާނެ." ޔަލްވީ ހިނގައިގަންނަން އުޅުމުން، ނަފީސާ ޔަލްވީގެ ގައިގައި ހިފެހެއްޓުމަށްފަހު، ގޮނޑީގައި ބޭންދިއެވެ. "ތާސާ! ވަރަށް އަވަހަށް މިތަން ސާފުކޮށްލާ!"
"ލައްބަ މެޑަމް" ތާސާ ދުވެފައި ގޮސް ބިއްލޫރިކޮޅުތައް ހޮވަން ފެށިއެވެ.
"ދަރިފުޅާ.. ތަނަކަށް ގެއްލުމެއްވިތަ" ޔަލްވީގެ ކައިރީގައި އިށީންނަމުން ނަފީސާ އަހައިލިއެވެ. އޭނާ އިނީ ކަންބޮޑުވެފައެވެ. ޔަލްވީގެ ގައިގައި ކޫރުމެއް އެޅިލިޔަސް ނަފީސާގެ ހިތުގައި ވޭން އަޅައެވެ.
ރުޅި އައިސްފައި އިންވަރުން މަންމަ އާއި ދިމާއަށް ބަލާލަންވެސް ޔަލްވީ ބޭނުމެއް ނުވިއެވެ. ޔަލްވީ ތާސާދެކެ ކިތަންމެ ރުޅިއަޔަސް، ނަފީސާ އަޑުހަރުކޮށް ތާސާއަށް އެއްޗެއް ނުބުނާތީ، ޔަލްވީ އިނީ މަންމަދެކެވެސް ހިތްހަމަނުޖެހިފައެވެ. ނަފީސާ އެވަރަށް ވާހަކަ ދެއްކުމުންވެސް އިސްއުފުލާލާ ހިޔާލެއް ޔަލްވީ ނުކުރިއެވެ.
"ޔަލްވީ މޭމް މިހިރީ ކޮފީތަށި" ތަން ސާފުކޮށް ނިންމުމަށްފަހު ތާސާ އެނބުރި އައީ ކޮފީތަށްޓެއް ހިފައިގެންނެވެ.
ޔަލްވީދެކެ ތާސާ ޖެހިލުންވެއެވެ. އެހެން ކަންކަން މަޑުޖައްސާލާފައިވެސް ޔަލްވީގެ ކަންކަމަށް އޭނާ އިސްކަންދެއެވެ. އެއީ ނަފީސާވެސް އަންގާފައި އޮންނަ ގޮތެވެ. އެކަމަކު، މިއަދު އޭނާގެ ހަނދާނުން ކައްސައިލީއެވެ. ތާސާ އާއި ދިމާއަށް ދެލޯ އަޅާލުމަށްފަހު ޔަލްވީ ތެދުވިއެވެ. ކޮފީތަށި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ނަފީސާ ދެފަހަރަކު ގޮވާލި ނަމަވެސް، ޔަލްވީ އެ އަޑު އިވުނުކަމަކަށް ނުހެދިއެވެ. ކަމަކާ ރުޅި އައިސްފިނަމަ އެދުވަހެއްގެ ހަތަރުދަމު ޔަލްވީ ހޭދަކުރަނީ އެއްވެސް މީހަކާ ވާހަކަ ދެއްކުމެއް ނެތި ކޮޓަރީގައެވެ.
"ތާސާ! އަބަދުވެސް ބުނަމެއްނު ޔަލްވީގެ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭށޭ. އޭނަ ބޭނުންވާ ކަމެއް ނުވެއްޖެއްޔާ ވާނެ ގޮތް ތާސާއަށް ވެސް އެނގެއެއްނު" ތާސާގެ ކައިރިން ވީގޮތް އޮޅުންފިލުވުމަށްފަހު، ނަފީސާ ބުނެލިއެވެ. އޭނާ ވާހަކަ ދެއްކީ ވިސްނައިދޭ ރާގަކަށެވެ.
ތާސާގެ ދެލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން އިސްދަށަށް ޖަހާލީ ކުއްވެރިއަކު ފަދައިންނެވެ. ނަފީސާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ތާސާގެ ބޮލުގައި ފިރުމާލުމަށްފަހު، ނަފީސާ އެނބުރި ކޮޓަރިއަށް ދިޔައީ ޔަލްވީގެ އުޅުމާއިމެދު ކަންބޮޑުވެ ހުރެއެވެ. ޔަލްވީއަކީ ފުރާ ފުރިހަމަވެފައިވާ ޒުވާނެކެވެ. މީހަކާއި އިނދެގެން ޔަލްވީ އުޅޭނީ ކިހިނެއް ކަމެއްވެސް ނަފީސާއަކަށް ނޭނގުނެވެ.
********
ރަޔާން ފެންވަރާލައިގެން ނުކުތުއިރު، ފިނިވެގެން މުޅިމީހާ ތުރުތުރުއަޅައެވެ. ދެއަތް ދެއަތާއި އުނގުޅަމުން، މޫނުބަލާ ލޯގަނޑުގެ ކުރިމަތީ ހުއްޓިލިއެވެ. ކޮޓަރީގައި ހުރި ކުޑަމޭޒުމަތީ ބަހައްޓާފައިވާ ކޮފީތަށި ރަޔާންގެ ލޮލުގައި އަޅައިގަތީ ރީތިވެލައިގެން އެނބުރުނު ވަގުތުއެވެ. ރަޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހިތާއިހިތުން މަންމައަށް ޝުކުރު އަދާކުރެވުނެވެ. ކޮފީގެ މީރުވަސް ޖެހުމުން، ރަޔާންގެ ސިކުނޑި ތާޒާވިއެވެ.
ތުނިކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ފުރާޅުގައި ބީހިލާ އަޑު، މަޑު މިޔުޒިކެއް ފަދައިން އިވިއިވި ހުއްޓެވެ. ކޮފީތަށި ބޯން އިން ރަޔާން ދެލޯ މަރާލިއެވެ.
އަސުރުނަމާދު ކޮށްލައިގެން ރަޔާން ބޭރަށް ނުކުތްއިރު ރަޒީނާ ވެސް ނަމާދުކޮށްގެން ކޮޓަރިން ނުކުންނަނީއެވެ. ރަޔާން އައިސް މަންމަ އާއި ހަމަކުރަމުން މަންމަގެ އަތަށް ކޮފީ ހުސްކުރި ތަށި ދިއްކޮއްލިއެވެ.
"ދަރިފުޅު މިއަދު އޮފީހުގައި މާ ބުރަ ދުވަހަކީތަ އެހާ ލަހުން ގެއަށް ތިއައީ؟" ރަޔާންއާއި އެއްވަރަށް ހިނގަމުން ރަޒީނާ ސުވާލުކުރިއެވެ.
"އާނ. މާދަމާ އެބަ އާދޭ ޔޫތް މިނިސްޓްރީގެ ޓީމެއް. ފުޓްސަލްދަނޑު ހުޅުވާ ވާހަކަ ބުނީމެއްނު. އެހެންވެ، ވަރަށް ގިނަ ކަންތައްތައް ނިންމާލަން ހުރީމަ ދޭއްޖަހާއިރު އޮފީސް ބަންދު ނުކުރެވުނީ. ދެން މަންމައަށްވެސް އެނގެއެއްނު ކައުންސިލް އިދާރާއެއްގެ ޒިންމާދާރު ވެރިޔާއަށް ކިހާ ބުރަވާނެކަން" މަންމައާއިއެކު ބަދިގެއަށް ވަންނަމުން ރަޔާން ބުންޏެވެ.
"ކިހާއިރަކުތަ ތިބުނާ ބަޔަކު އަންނަނީ. ތިޔަ ފޫސަލެއް ކުޅެން މަންމައަށް ވެސް ނިކަން ދަސްކޮށްދީބަލަ" ރަޔާން ބުނި އެއްޗެއް ހަނދާންކުރަމުން ރަޒީނާ ބުނެލިއެވެ.
ރަޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ބައެއްފަހަރު ރަޒީނާ ބުނެލާ ޖުމުލަތަކުން ރަޔާން ހެއްވާލަން މަދު ސިކުންތުކޮޅެއްވެސް ނުނަގައެވެ.
"ފުޓްސަލްއޭ މަންމާ..." ހިނިގަނޑު މައިތިރިކުރަމުން ރަޔާން ބުނެލިއެވެ.
ރަޔާންގެ އުމުރުން އެންމެ ހަ އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔައުވެފައެވެ. ރަޒީނާ ރަޔާން ބަލާބޮޑުކޮށް، ކިޔަވައިދިނީ ވަރަށް ބުރަ މަސައްކަތުންނެވެ. ރަޒީނާ އުފުލި ވޭން ރަޔާންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މިއަދު އެމަންމަ މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ލޯތްބާއި އަޅާލުން އެންމެ ފުރިހަމައަށް ދިނުމަށް ރަޔާން ބޭނުންވެއެވެ.
މަންމައަށް ފަސޭހަ ކޮށްދިނުމަށް މީހަކާއި އިންނަން ރަޔާން ބޭނުންވެއެވެ. ނަމަވެސް ރަޔާން ގަޔާވާ، ހިތްއެދޭ ސިފަތަކެއް ހުރި އަންހެންކުއްޖަކު ނުފެނެއެވެ.
"ދަރިފުޅު މީހަކާ އިންނާކަށް ގަސްތެއް ނުކުރަންތަ؟ މަންމަ ވަރަށް ބޭނުން އެދުވަސް ދެކެން" ރަޒީނާ ކަންބޮޑުވަނީ ޒުވާން އުމުރުގައި ރަޔާންގެ ހަޔާތަށް އަންހެން ކުއްޖަކު ނުގެންނާތީއެވެ. ރަޔާންއާއި އެއް އުމުރެއްގެ ކުދިން މީހުންނާއި އިނދެގެން ދަރިން ހޯދިއިރުވެސް ރަޔާން ހުރީ ހުސްކޮށެވެ. މީހުން ދައްކާ ވާހަކައިންވެސް ރަޒީނާއަށް އުނދަގޫވެއެވެ. ދުނިޔޭގައި ހުއްޓާ މާމާ އޭ ކިޔާ ގޮވާލާނޭ މާމަ ދަރިއަކު ރަޒީނާ ނުހަނު ބޭނުންވެއެވެ.
"މަންމާ އިރާދަކުރެއްވިއްޔާ މަންމަގެ ތި އެދުން ފުރިހަމަކޮށްދޭން މަސައްކަތް ކުރާނަން. މިހާރު ސައްބީސް އަހަރު، ތިރީސް އަހަރު ފުރެންވާއިރަށް ތިކަން ކޮށްދޭނަން" ރަޔާން ޔަގީންކަން ދިނެވެ.
********
"ދަރިފުޅާ! އަބަދު ތި ކޮމްޕިއުޓަރ ދަށުގަ ނީނދެ ބޭރަށްވެސް ނުކުމެލާ ހަދާލަބަލަ. ބައްޕަ މިއައީ ދަރިފުޅު ކައިރީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން..." ޔަލްވީގެ ކައިރީގައި އިށީންނަމުން ނިމާލު ވާހަކަ ދެއްކީ އޯގާތެރި ރާގަކަށެވެ.
ކުރު ސޯޓުކޮޅަކާއި ހެދުންކޮޅުގައި ޔަލްވީގެ ހަށިގަނޑުން ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. ނިމާލަށް ދެފަރާތަށް ބޯ ހޫރާލެވުނީ ޔަލްވީގެ އުމުރުން ތޭވީސް އަހަރު ވީއިރުވެސް ކުޑަކުއްޖެއްގެ އުޅުން ހުންނާތީއެވެ. ވަޒީފާއެއް އަދާނުކުރި ނަމަވެސް ގޭތެރޭގެ ޒިންމާތަކަށްވެސް އެއްވެސް ވަރަކަށް ޔަލްވީ ސަމާލުކަން ނުދޭތީ އެކަމާއި ނިމާލު ކަންބޮޑުވެއެވެ. އެވާހަކަ ނަފީސާގެ ކައިރީގައި ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް ޔަލްވީ ލައްވައި މަސައްކަތެއް ކުރުވުމަށް ނަފީސާ ދެކޮޅުހަދައެވެ.
"ބުނުއްވާ!" ލެޕްޓޮޕް ލައްޕައިލަމުން ޔަލްވީ ބުނެލިއެވެ.
މަންމައާއި ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައް ކުރަން ކެރުނު ނަމަވެސް، ޔަލްވީ އޭނާގެ ބައްޕަދެކެ ޖެހިލުންވެއެވެ.
"ބައްޕަ މިއުޅެނީ އިހަވަންދޫ ފުޓްސަލްދަނޑު ހުޅުވަން މާދަމާ އެރަށަށް ދާން. މަންމަގެ ގާތް ރައްޓެއްސެއް އެކޮޅުގަ ހުންނާތީ މަންމަވެސް ބައްޕައާއެކީ އެކޮޅަށް ދާނެ. ދަރިފުޅު އެކަނި ބަހައްޓާފަ ބައްޕަ ބޭނުމެއް ނުވޭ ދާކަށް. އެހެންވީމަ، ދަރިފުޅުވެސް ބައްޕަމެންނާއެކީ ދާން ތައްޔާރުވޭ! ތިންދުވަހަށް ވާވަރަށް ދަބަހަށް އެއްޗެހި އަޅާފަ ބަހައްޓާތި!" ޔަލްވީ އަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނިމާލް އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ.
ފޯނެއް އައިކަމަށް ހަދާފައި، ނިމާލް އަވަހަށް ހިނގައިގަތީ ދަރިފުޅުގެ ސަކުވާގެ އަޑު އަހަން ބޭނުން ނުވާތީއެވެ. ރާއްޖެތެރޭގެ ރަށަކަށް ދިޔުމަކީ ޔަލްވީ އަބަދުވެސް ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.
"ބައްޕާ! އަޅުގަނޑު ނުވޭ ރާއްޖެތެރެއަށް ދާހިތެއް" ނިމާލު ހިނގައިގަތުމުން، ޔަލްވީއަށް ބުނެވުނެވެ.
ނިމާލަށް އެ އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. ޝަކުވާކޮށްގެން ދަތުރު ކެންސަލްކުރަން ކިތަންމެ ބޭނުންވި ނަމަވެސް ބައްޕަގެ ކުރިމަތީގައި އެކަން ނުވާނެ ކަން އެނގުމުން ޔަލްވީ ފެންކަޅިވިއެވެ.
"އަދި އެއް ވާހަކަ.." ވަކި ހިސާބަކަށް ގޮސްފައި ނިމާލު ހުއްޓުނެވެ. "ބައްޕަ އެރަށަށް މިދަނީ ރަސްމީ ބޭނުމަކު. ބައްޕަ އަކީ ޔޫތް މިނިސްޓްރީގެ އިސްމަގާމެއްގަ ހުރި މީހެއް. އެހެންވީމަ ދަރިފުޅުވެސް އެކަން ދަނެގެން އަންނައުނު ގެންދަން ވާނީ"
ބައްޕަ ދިޔުމާއިއެކު ޔަލްވީގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ތެދުވެގެން ދިޔަ ބާރުމިނުގައި ގޮސް އެނދުގައި ހުރި ބާލީސްތައް ނަގާ، އަތުގެކޮޅަށް ހޫރާލިއެވެ. އެއަށްފަހު އެނދުމައްޗަށް ބަންޑުންވާހެން ވެއްޓިގަތެވެ. އޭރު ޔަލްވީއަށް ރޮވެނީއެވެ. ބައްޕަ އާއި މެދު ޔަލްވީގެ ހިތުގައި ވަނީ ޝަކުވާ އުފެދިފައެވެ. ޔަލްވީ ބޭނުންވާ ކޮންމެ ކަމެއް ނަފީސާ ކޮށްދިން ނަމަވެސް، ނިމާލު ތަފާތެވެ. ނިމާލު ފަހުބަސް އިއްވައިފިނަމަ ޔަލްވީ އަބަދުވެސް އެކަމެއް ކުރަންޖެހޭނެއެވެ.
********
ވެހެމުންދިޔަ ވާރޭ ހުއްޓާލައި، މޫސުން ރީތިވިއެވެ. ރަޔާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކެންސަލްވެދާނެތީ އެކަމާއި ރަޔާން ހުރީ ވަރަށް ކަންބޮޑުވެފައެވެ. ފުޓްސަލްދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ކުޅިވަރާއި ގުޅުންހުރި ބައެއް ތަކެތި މިނިސްޓްރީއިން ހަދިޔާކުރާ ގޮތަށް ހަމަޖެހިފައިވާތީ ރަށުގެ ޒުވާނުން ތިބީ އެވަގުތަކަށް ކެތްމަދުވެފައެވެ.
"ދަރިފުޅާ މިޖޫސްތަށި ބޯލައިގެން ދޭބަލަ!" ރަޔާން ބޫޓަށް އަރަން ހުއްޓާ ރަޒީނާ އައިސް ރަޔާން އަށް ޖޫސްތައްޓެއް ދިއްކޮށްލިއެވެ.
މަޑު އަޅިކުއަކަށްދާ ގަމީހަކާއިއެކު ރަޔާން އަޅައިގެން ހުރީ ކަޅު ޓައީއެކެވެ. ރަސްމީ ހެދުމުގައި ރަޔާން ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ.
"ފަހުން އިނގޭ. ވަރަށް ލަސްވެގެން މިދަނީ..." ރަޔާން ހުރީ އަވަސްއަރުވާލާފައެވެ.
ރަޔާންއަށް ބަނދަރަށް ދެވުނުއިރު ކުދިބޮޑު މީހުންގެ ތެރެއިން ގިނަ ބަޔަކު ބަނދަރުގައި ތިއްބެވެ. ހީކުރިވަރަށްވުރެ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތަރުހީބު ލިބުމުން ރަޔާން ހުރީ ހިތްހަމަޖެހިފައެވެ. އޮފީހުގެ މުވައްޒަފުންނާއި ކައުންސިލަރުން ވެސް ފާލަމުގެ ކައިރީގައި ސަފަކަށްވާހެން އެތުރިލައިގެން ތިއްބެވެ.
"ޔޫ ލުކް ސްމާޓް އެންޑް ހޭންޑްސަމް" ލިމްޔާ ރަޔާންއަށް ތައުރީފުކޮށްލިއެވެ.
(ނުނިމޭ)