ހަކަތައިގެ ދަތިކަން ގާތްގަނޑަކަށް ދެކުނު އޭޝިއާގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވެފައިވާ ކަމަށާއި ހަކަތައިގެ މައްސަލަ ކުރިމަތި ނުވަނީ ސްރީލަންކާއަށް އެކަނި ކަމަށް ވޯލްޑް ބޭންކުން މިސަރަހައްދަށް ކަނޑައަޅާފައިވާ ޗީފް އިކޮނޮމިސްޓް ކަލްޕަނާ ކޮޗާރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި ދެކުނު އޭޝިއާގެ ނޫސްވެރިންގެ ވޯކްޝޮޕްގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަަކަފުޅު ދައްކަވަމުން ކޮޗާރު، ދެކުނު އޭޝިއާ ސިފަކުރައްވާފައި ވަނީ ހަކަތައިގެ ގޮތުން ބަނޑަށް ޖެހިފައިވާ ސަރަހައްދެއްގެ ގޮތުގަ އެވެ. އަދި މި ސަރަހައްދުގެ އެއްބާރުލުމުގެ ޖަމިއްޔާ ސާކަކީ ދުނިޔޭގެ އެފަދަ ޖަމާއަތްތަކުގެ ތެރެއިން ހަކަތައިގެ އެއްބަސްުވުންތަކެއް ނެތް ހަމައެކަނި ޖަމިއްޔާ ކަން ވެސް އެކަމަނާ ފާހަގަކުރައްވެވި އެވެ.

"ގައުމީ ގްރިޑަށް އާބާދީގެ 80 ޕަސެންޓް މީހުން ގުޅާ ލެވިފައިވާ ގައުމެއްގެ ހައިސިއްޔަތުން ސްރީލަންކާ އަކީ ހަކަތައިގެ ގޮތުން ފުދިފައިވާ ގައުމެއް، ބޭނުންވާ ވަރާއި ފޯރުކޮށްދެވޭ ވަރުގެ ތަފާތެއް ހުރުމުގެ ސަބަބުން ކޮންމެ ދުވަހަކު ކަރަންޓް ކެނޑުމުގެ މައްސަލަ އެހެން ހުރިހާ ގައުމަކަށް ވެސް ވަނީ ކުރިމަތިވެފައި،" ކޮޗާރް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވެނީ ދެކުނު އޭޝިއާ ސަރަހައްދުގެ އާބާދީގެ 68.5 ޕަސެންޓަށް ކަމަށް ވާއިރު ކަރަންޓްގެ ހިދުމަތް ނުލިބޭ 493 މިލިޔަން މީހުން އެބަތިބި ކަމަށެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިޔާގެ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން 60 ޕަސެންޓް ކުންފުނިން ބޭނުން ކުރަނީ އެކުންފުނި ތަކުގެ އަމިއްލަ ކަރަންޓެވެ. އަދި ޕާކިސްތާނުގެ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ ކުންފުނި ތަކަށް ކުރިމަތިވި ހަކަތައިގެ ދަތިކަމުގެ ސަބަބުން 400،000 މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

ތޮމްސަން ރޮއިޓާސް ފައުންޑޭޝަނާއި ވޯލްޑް ބޭންކް ގުޅިގެން ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި ތިން ދުވަހުގެ ވޯކްޝޮޕްގައި އިންޑިއާ ފިޔަވައި ސާކްގެ ހުރިހާ ގައުމަކުން ނޫސްވެރިން ބައިވެރިވި އެވެ.