24 Jun 2024, 19:38
ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މާލީ ޚާއްސަ ސިޔާސަތެއްގެ އިތުރުން މީޑިއަމް ޓާމް ރެވެނި ސްޓްރެޓެޖީއެއް އެކުލަވާލުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ނިންމެވީ އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައި ކަމަށވެެ.
އެ ބައްދަލުވުމުގައި، އެފަދަ ސިޔާސަތަކާއި ސްޓްރެޓެޖީއެއް އެކުލަވާލަން ހުށަހެޅީ ފިނޭންސް މިނިސްޓްރީން ކަމަށާއި އެ ކަރުދާހާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން މަޝްވަރާކުރި ކަމަށް ބަޔާނުގައިވެއެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭގޮތުން ކުރަން ޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދަން ޖެހޭ ގޮތަށް ނިންމަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ސަރުކާރުގައި ހިމެނޭ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން ބޭރުގެ އިދާރާތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުގެ ހަގީގަތް ސަރުކާރުން ހާމަ ކުރަން ޖެހޭ މީގެ ކުރިން ވިދާޅުވެފައެވެ.
އޭގެ ފަހުން، މި ވަގުތު ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
ރާއްޖޭގެ ދަރަނި ބޮޑުވުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާއިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ވޯލްޑް ބޭންކްއިން ވަނީ ތަކުރާރުކޮށް ގޮވައިލައިފައެވެ.