ކުރީގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ގާއިމްކޮށްފައި ހުރި ގައުމީ އިދާރާތައް އުވާލުމުން މި އަހަރު އެ ތަންތަނަށް ކަނޑައަޅަފައިވާ ބަޖެޓުން 36 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގައުމީ އިދާރާތަކުގެ ބަޖެޓްގެ ގޮތުގައި މި އަހަރަށް ކަނޑައަޅާފައި ވަނީ 47 މިލިއަން ރުފިޔާ ކަމަށާއި އެ އިދާރާތައް އުވާލުމާ ހަމައަށް އެކިއެކި ފަރާތްތަކަށް ދައްކަން ޖެހިފައިވާ ބިލްތަކަށް ކެނޑުމަށް ފަހު 36 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ ގައުމީ އިދާރާތަކުން އެކިއެކި ފަރާތްތަކަށް ދައްކަން ޖެހި ނުދައްކައި ހުރި ކެޕިޓަލް ހަރަދުތަކާއި ރިކަރެންޓް ހަރަދުތަކުގެ ޖުމްލަ 4.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އަދި އެ ބިލްތަކަކީ 2009 ވަނަ އަހަރުން ފެށިގެން ނުދައްކައި ހުރި ބިލްތައް ކަމަށާއި އެކިއެކި ފަރާތްތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުދެއްކުމުން ޝަކުވާތައް ވެސް ކުރަމުން އަންނަ ކަމަށެވެ.

ހޯމް މިނިސްޓްރީ އިން ބުނީ ގައުމީ އިދާރާތަކަށް ލައްވާފައިވާ ސިޔާސީ މީހުންގެ އަދަދު ސިވިލް ސާވިސްގެ މީހުންނަށް ވުރެ ގިނަ ކަމަށެވެ.

"ގައުމީ އިދާރާތަކުގެ މަސައްކަތް ކުރަމުން ދިޔަ ސިވިލްސާވިސް މުވައްޒިފުންގެ މުސާރައަށް ވުރެ ސިޔާސީ މަގާމުތަކުގެ މުސާރައަށް ހިނގާ ހަރަދު ބޮޑު،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމީ އިދާރާތްތައް އުވާލައިފައި ވަނީ ޑރ. ވަހީދު ވެރިކަމާ ހަވާލުވުމަށް ފަހު މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ. މިސަރުކާރުން ބުނީ ގައުމީ އިދާރާތްތައް އުވާލީ ރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ލާމަރުކަޒި އުސުލުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމަށް މަގުފަހިކުރުމަށް ކަމަށެވެ.