ދުނިޔޭގެ އެންމެ އަގުހުރި އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެންވީޑިއާ އާއި އުރީދޫ ޕާޓްނާރުންނަށް ވުމަށް އެއްބަސްވުން ހަދައިފިއެވެ.

ޑެންމާކްގެ ކޯޕަންހޭގަންގައި ބޭއްވި ޓީއެމްފޯރަމްގެ ޑީޓީޑަބްލިއު 24 ގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލުތުމާން ފަޚްރޫ އާއި އެންވީޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެލެކޮމް، ރޮނީ ވަސިޝްތާގެ އެވެ.

މި ޕާޓްނާޝިޕަކީ އުރީދޫއިން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މީނާ (މެދުއިރުމައްޗާއި އުތުރު އެފްރިކާ) ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީގެ ދަށުން ވެފައިވާ ޕާޓްނާޝިޕެއް ކަމަށް އުރީދޫއިން ބުންޏެެވެ.

މި ޕާޓްނާޝިޕް މެދުވެރިކޮށް އެންވީޑިއާގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައި އިންގިލާބެއް މަގުފަހިކޮށްދިނުމަށް އުރީދޫއިން މަސައްކަތްކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ ޚިދުމަތްތައް ފޯރުކޮށްދޭ ގައުމުތަކުގައި، އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ހައިޕަކަނެކްޓިވިޓީއަށް މާކެޓުގައި އޮތް ބޮޑު ޑިމާންޑާއި ބޭނުންތަކާ އެއްގޮތަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންވީޑިއާގެ އީޖާދީ ޚިދުމަތްތަކުގެ އެހީގައި އޭއައި ރެޑީ ޕްލެޓްފޯމެއް ތަރައްގީ ކުރަމުން އަންނަ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ މި ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުވުމަށް ތައާރަފުކުރި ޕްލެޓްފޯމެއް ކަމަށެވެ.

މީގެއިތުރުން މިއީ މައުލޫމާތުތަކެއް ފޯރުކޮށްދީ، ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ކަމަށް އުރީދޫ އިން ބުންޏެވެ.

"އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ޖެނެރޭޓިވް އޭއައިއަށް ޚާއްސަކޮށްފައިވާ އެންވީޑިއާގެ ފުލް ސްޓޭކް ޕްލެޓްފޯމް ތަންފީޒުކުރުމާއެކު، އުރީދޫ ވާނީ މީނާގެ އޭއައި އިންގިލާބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏަށް." އުރީދޫގެ ގްރޫޕް ސީއީއޯ އަޒީޒް އަލުޡްމާން ފަޚްރޫ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން މި ސަރަހައްދުގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރުގެ ގޮތުގައި، ޑިޖިޓަލައިޒޭޝަން އަދި އިނޮވޭޝަން ކުރިއެރުވުމުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏަކަށް އުރީދޫ ވާނެ ކަމަށެވެ.

"އެންވީޑިއާއާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނީ އެޑްވާންސް އޭއައި މޮޑެލްތަކަށް ބޭނުންވެފައިވާ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ނެކްސްޓް ޖެނެރޭޝަން އޭއައި އަދި ޖީޕީޔޫ އޮފާތަކާއެކު އެކި ސިނާއަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަން ނިންމާފައެވެ. ހަމަ މިއާއެކު އުރީދޫއިން އިންފްރާސްޓްރަކްޗާ އަދި އޭއައި ހޯސްޓިން ސޮލިއުޝަންސްތަކާއިއެކު ސަރަހައްދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫގެ ޑިޖިޓަލް އިކޯސިސްޓަމްގައި ޓެލެކޮމް ޚިދުމަތްތަކުގެ އިތުރުން ޑެޑިކޭޓެޑް ޑޭޓާ ސެންޓަރު ޕްލެޓްފޯމުތަކާއި، ވަޔަލެސް ޓަވަރުތަކާއި ފައިނޭންޝަލް ޓެކްނޮލޮޖީ އަދި ސަބްސީ ކޭބަލް ވެންޗާތަކަށް ޚާއްސަ މިނިވަން މުއައްސަސާތައް ހިމެނެއެވެ.

މިމަހުގެ ކުރީކޮޅު އެންވީޑިއާގެ މާކެޓް ކެޕިޓަލައިޒޭޝަން ތިން ޓްރިލިއަން ޑޮލަރަށް ވުރެ އިތުރުވެ، ދުނިޔޭގެ މަގާމަށްއެރިއެވެ. ނަމަވެސް އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ އެޕަލް އާއި މައިކްރޮސޮފްޓުން ވަނީ އަނެއްކާވެސް އެއް ވަނަ މަގާމާއި ދެވަނަ މަގާމު ހޯދައި، އެންވީޑިއާ ތިން ވަނަ މަގާމަށް ފަހަތަށް ޖައްސައިލައިފައެވެ.