24 Jun 2024, 15:39
ޔޫރޯ 2024 ގައި ކްރޮއޭޝިއާއަށް ނުރައްކާކުރެވޭނެ ފަދަ ފުރުޞަތުތައް ތަނަވަސްކުރުން ހުއްޓުވުން ނުވަތަ މަދުކުރުމަށް ބޮޑު ސަމާލުކަމެއް ދޭނެކަމަށް އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި މިރޭ ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނީ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ވަރުގަދައަށް ޑިފެންސްކޮށް، ކްރޮއޭޝިއާ އަށް ނުރައްކާކުރެވޭނެ ފަދަ ފުރުޞަތުތައް ތަނަވަސްކުރުން ހުއްޓުވުމަށް ކަމަށެވެ.
ސްޕަލެއްޓީ ބުނީ، ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބޭނުންވި ގޭމާއި އެއްގޮތަށް ކުޅުންތެރިންނަށް ނުކުޅެނު ކަމަށާއި ދެ މެޗަށްވެސް ނިކުތީ އެއް ގޭމްޕްލޭންއަކާ އެކު ނަމަވެސް، ބޭނުންވި ގޮތަށް ކަންތައް ކުރެވުނީ އެންމެ މެޗެއްގައި ކަމަށެވެ. އެކަން އެގޮތަށް ކުރަން އުނދަގޫވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ސްޕަލެއްޓީ ބުނީ މިފަހަރުގެ މުބާރާތަށް އިޓަލީން ގެނައި ކުޅުންތެރިންނަކީވެސް އެކަމަށް ކެތްމަދުވެ، މުހިއްމު މެޗުތަކުގައި ތަފާތު ދައްކައި ވާދަކުރަން ތައްޔާރަށްތިބި ކަމަށް އޭނާ ގަބޫލުކުރާ ކުޅުންތެރިން ކަމަށެވެ
އިޓަލީގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ ވަނީ ކްރޮއޭޝިއާ އާ ދެކޮޅަށް ނިކުންނަ މެޗުގެ މުހިއްމުކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނީ ބިރަކީ ފުޓްބޯޅައިގެ ވާހަކަ ދައްކާއިރު ބޭނުންކުރަން ކަމުނުދާ ބަހެއް ކަމަށެވެ. އެގޮތުން، އެ ބަސް ބޭނުންކުރަން ރަނގަޅުވާނީ ފުޓްބޯޅަ ނޫން މުހިއްމު އެހެން ކަންކަމުގައި ކަމަށް ބަސްޓޯނީ ބުންޏެވެ
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިޓަލީއާ ކްރޮއޭޝިއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.