24 Jun 2024, 13:22
ކުރީ ސަރުކާރުން މި ސަރުކާރަށް ވާރުތަކޮށްފައިވާ ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވި ވާހަކަފުޅަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފިއެވެ.
ޕީއެންސީ ހައުސް ހުޅުވުމަށް ރޭ އޮތް ޖަލްސާގައި ރައީސް ވަނީ އެކި އަމިއްލަ ކުންފުނިތަކަށް ހަތަރު ބިލިއަން ރުފިޔާ، ސަރުކާރު ކުންފުނިތަކަށް ހަތް ބިލިއަން ރުފިޔާ އަދި ބޭރު ދަރަނިތަކަށް 2.7 ބިލިއަން ރުފިޔާ ދައްކައިފައިވާކަމަށް ވިދާޅުވެފައެވެ.
އެ ވަހަކަފުޅަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ މި އަހަރުގެ ބަޖެޓުން މިހާތަނަށް ޚަރަދުކޮށްފައިވަނީ 18 ބިލިއަން ރުފިޔާ ކަމަށެވެ.
އޭގެތެރެއިން މުސާރައަށް ޚަރަދު ކޮށްފައިވަނީ ފަސް ބިލިއަން ރުފިޔާ ކަމަށާއި ދެން ބާކީ އޮތް 13 ބިިލިއަން ރުފިޔާ އެއީ ހުސް ކުރީ ސަރުކާރުގެ "ދަރަނި" ތޯ އަމީރު ސުވާލު އުފެއްދެވިއެވެ.
އަމީރު ވަނީ އިތުރު ޚަރަދެއް ނުކުރޭތޯއާއި މި ސަރުކާރުން އިތުރު އޮފީސްތައް ނުހުޅުވާތޯއާއި ޑްރޯން ވެސް ނުގަންނަނީތޯ ސުވާލު އުފައްދަވައިފައެވެ.
އަދި ރައީސާއި ކެބިނެޓް ވަޒީރުން ދަތުރު ވެސް ނުކުރައްވަނީތޯ ސުވާލު އުފެއްދެވިއެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ މިހާތަނަށް އިދާރީ އަދި ހިންގުމުގެ ޚަރަދަށް އެކަނި ވެސް 200 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފިކަމަށެވެ.
އަދި މުސާރަ އާއި ދަައުލަތުގެ ހިންގުމުގެ ޚަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެއްޖެކަމަށާއި 700ގައި ހުރި ސިޔާސީ މަގާމްތައް މިހާރު ހުރީ 2000 އަށްވުރެ މަތީގައި ކަމަށް ވިދާޅުވިއެވެ.
އެއާއެކު ދަރަނި ދައްކަން ޚަރަދުކުރިކަމަށް ރައީސް ވިދާޅުވި ހިސާބު ދިމާނުވާ ފަދަ މޭރުމަކުން އަމީރު ވާހަކަދެއްކެވިއެވެ.