އައްޑޫ ސިޓީ، ހުޅުދޫގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައި ގެއެއްގެ ގިފިލިތެރޭގައި ވަޅުލައިގެން އުޅުނު ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ހުޅުދޫ އިވްނިންގްވިލާ އިން ވަގަށް ނަގާފައިވާ 28500ރ. އާއި 201 އެމެރިކާ ޑޮލަރެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 38 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނަކާއި 16 އަހަރު ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ ވައްކަމުގެ އެ މައްސަލަ ހުށަހެޅުމުން އެ ތިން މީހުން ހައްޔަރުކޮށް ސުވާލުކުރުމުން ފައިސާތައް ހުޅުދޫ ހިކިއުނިމާގޭގެ ގިފިލި ތެރޭގައި ވަޅުލާފައި ހުރިކަމަށް ބުނި ކަމަށާއި ފުލުހުން ގޮސް އެތަން ޗެކްކުރުމުން އެތަނުން އެ ފައިސާތައް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މައްސަލައިގައި ހިމެނޭ 16 އަހަރުގެ ކުއްޖާއަކީ މިދިޔަ އަހަރު ވެސް ވައްކަމުގެ މައްސަލައެއްގައި މާލެ އަތޮޅު ފޭދޫފިނޮޅުގައި ބަންދުކުރުމަށްފަހު މިދިޔަ މަހުގެ ތެރޭގައި އާއިލާއާއި ހަވާލުކޮށްފައިވާ ކުއްޖެކެވެ. އަދި ހައްޔަރު ކުރި އަނެއް ދެ މީހުންނަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ.