ފަލަސްތީނަށް ނިސްބަތްވާ ތިން އަހަރުގެ އަންހެން ކުއްޖަކު ގަންބައިލައި މަރާލަން އުޅުމުން އެމެރިކާގެ ޓެކްސަސްގެ އަންހެނެއްގެ މައްޗަށް, މީހަކު މަރައިލަން އުޅުނު ކަމުގެ ދައުވާ އުފުލައިފިއެވެ.

ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު-ޓެކްސަސް)އާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުގައިވާ ގޮތުން، އެ ހާދިސާ ހިނގައިފައި ވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ޓެކްސަސްގެ ޔޫލެސްގައެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 42 އަހަރުގެ އެލިޒަބަތު ވޯލްފް ކުޑަކުއްޖާއަށް ހަމަލާދިނީ އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ކޮމްޕްލެކްސްގައި ހުންނަ ސްވިމިން ޕޫލްގައެވެ. އެ ވަގުތު ފަލަސްތީނު ކުއްޖާގެ މަންމައާއި ހަ އަހަރުގެ ބޭބެ ވެސް އެތަނުގައި ތިއްބެވެ.

ބުރުގާ އަޅައިންހުރި މަންމައަށް އަނގަބަހުން ފުރައްސާރަ ކުރުމަށްފަހު އެލިޒަބަތު ވަނީ ޕޫލަށް ފުންމައިލައި ޕޫލްގައި އޮތް ތިން އަހަރުގެ ކުއްޖާ ޕޫލްގެ ފުން ހިސާބަކަށް ގެންގޮސް ގަންބާލަން މަސައްކަތްކޮށްފައި ކަމަށް ސީއޭއައިއާރް ޓެކްސަސްއިން ބުންޏެވެ. ނަމަވެސް އެ ވަގުތު އެ ކުއްޖާގެ މަންމަ ޕޫލަށް ފުންމައިލައި ކުއްޖާ ސަލާމަތްކުރީ ކަމަށްވެސް އެ ޖަމުއިއްޔާއިން ބުނެފައިވެއެވެ.

ހާދިސާ ހިނގި ތަނަށް ޓެކްސަސްގެ ފުލުހުން ހާޒިރުވެ، ޓެކްސަސްގެ އެ އަންހެންމީހާ ވަނީ ހައްޔަރުކޮށްފައެވެ.

"އަހަރެމެންނަކީ އަސްލު ފަލަސްތީނު މީހުން ކަމުގައި ވިޔަސް އެމެރިކާގެ ރައްޔިތުކަން ހޯދައިގެން ތިބި މީހުން. އަހަރެންގެ ކުދިންނާއެކު ރައްކާތެރިކަން އިހުސާސް ކުރެވޭތޯ ދާނީ ކޮންތާކަށް ކަމެއް ނޭނގެ. އަހަރެންގެ ގައުމަށް ކުރިމަތިވެފައިވަނީ ހަނގުރާމައަކާ، އަދި މިތަނުގައި އަހަރުމެންނަށް އޮތީ އެކަމުގެ ނަފުރަތު." ކުއްޖާގެ މަންމައާ ހަވާލާދީ ސީއޭއައިއާރު އިން ބުނެފައިވެއެވެ.

"ހާދިސާއާ ގުޅިގެން އަހަރެންގެ އަންހެން ދަރިފުޅު ހުންނަނީ ބިރުން. އަހަރެން އެޕާޓްމަންޓުގެ ދޮރު ހުޅުވާލާ ކޮންމެ ފަހަރަކު ދުވެފައި ގޮސް ފިލަނީ. އެ އަންހެން މީހާ އައިސް އަނެއްކާވެސް އެގޮތަށް ކަންތައް ކޮށްފާނެތީ."

އެ ހާދިސާއާ ގުޅިގެން ޔޫލެސްގެ ޓެކްސަސް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މެމްބަރު ސަލްމާން ބޮޖާނީ ވިދާޅުވީ ޓެކްސަސްގައި ނަފުރަތަށް ޖާގަ ނުދޭނެ ކަމަށެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރި ފަހުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ މީހުންނާ ދިމާކުރުމާއި ހަމަލާ ދިނުން ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 14ގައި އެމެރިކާގެ 71 އަހަރުގެ ފިރިހެނަކު، ފަލަސްތީނާއި އެމެރިކާގެ ރަށްވެހިކަން އޮތް ހަ އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރައިލައިފައިވެއެވެ. އެ މައްސަލައިގައި ފިރިހެން މީހާގެ މައްޗަށް ވަނީ މީހަކު މަރައިލުމުގެ ދައުވާ އާއި ނަފުރަތުގެ ކުށުގެ ދައުވާ އުފުލައިފައެވެ.