މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހިތަކަކާއެކު މާލެ އާއި ފުވައްމުލަކުން ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ފުވައްމުލަކުން ހައްޔަރު ކުރީ 32 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ދެމީހުން ހައްޔަރު ކުރީ އެރަށު ދިގުވާޑު ފެއާރީގެ ކޮޓަރިއެއްގެ ތެރޭގައި ތިއްބަ އެވެ. އެމީހުން ތިބި ކޮޓަރި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި މަސްތުވާން ބޭނުންކުރާ ބައެއް އާލާތްތައް ކޮޓަރީގެ ތެރެއިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް އަމާޒުކޮށް ފުލުހުން ހިންގާ އޮޕަރޭޝަން ތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު މަސްތުވާތަކެތި ކަމަށް ބެލެވޭ 20 ރަބަރު ޕެކެޓާއެކު މީހަކު ވަނީ މާލެއިން ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި 21 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި މިފަހަރު އޭނާގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މަސްތުވާތަކެތީގެ މި ދެ މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.