24 Jun 2024, 00:41
ވެރިކަންކުރާ ޕީއެންސީއާ އަރައިހަމަކުރެވޭނެ އެއްވެސް ޕާޓީއެއް ނެތްކަމަށާއި، މިއަދު ދިވެހި ރައްޔިތުން "މަވެތި"ކަމުގެ ވިސްނުމަށް ނޫނެކޭ ބުނެފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ އަމާޒުކުރައްވައިފިއެވެ.
މި ފަދައިން ފާޑުކިޔުން އަމާޒުކުރެއްވީ ޕީއެންސީ ހައުސް ހުޅުވުމަށް މިރޭ އޮތް ރަސްމިއްޔާތުގައެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމަކީ، ޔާމީނާ އެކުގައި ޕީޕީއެމާއި، ފަހުން ޕީޕީއެމް ޕީއެންސީ ހިންގެވިއިރު އެންމެ އަރިސް ބޭފުޅާއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެރިކަން ލިބުމަށްފަހު ޕީޕީއެމް ލީޑާޝިޕާއި ޔާމީނާ ދެމެދު ފަހުން އުފެދުނު ނުތަނަވަސްކަމުގައި ސިޔާސީ ގުޅުން ހީނަރުވީއެވެ.
އޭގެ ފަހުން ޔާމީން ޕީޕީއެމް ދޫކޮށްލައްވައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. އެއާއެކު ވަރަށް ބޮޑަށް އެ މަނިކުފާނަށް ޕީއެންސީ މެމްބަރުންގެ ފާޑުކިޔުން އަމާޒުވަމުން އާދެއެވެ.
އެއާއެކު ޕީއެންއެފަށާއި، ރައީސް ޔާމީނަށް ފާޑުކިޔުން އަމާޒުކުރައްވަމުން އަބްދުއްރަހީމް މިރޭ ވިދާޅުވީ ސިޔާސީ ކަންކަން ކާމިޔާބުކުރެވޭނީ ހިވާގި، ތެދުވެރި މީހުންނަށް ކަމަށެވެ.
"...ރައްޔިތުންނާ ގުޅުން އުފައްދަން ކެރޭ މީހުންނަށް. ރައްޔިތުންގެ އިހުސާސްތަކުގެ އަޑު އަހަން ކެރޭ މީހުންނަށް. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ބޭނުންވާ މީހުންނަށް. މަވެތިކަމަކަށް މިއަދަކު ރައްޔިތުންގެ ތާއީދެއް ނެތް. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ފިިނި ކޮޓަރީގައި ތިއްބަވައިގެން ބައިކިލޯ ހަމަނުވާ ދެތިން މީހުން ނެރެގެން އަޅުގަނޑުމެންނާ ބެހެން ނުހައްދަވާށޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއާ އަރައިހަމަކުރެވޭ ވަރުގެ އެއްވެސް ބަޔަކު ސިޔާސީ ގޮތުން ނެތްކަމަށެވެ. ޕީއެންސީއަކީ މާ ހިތްވަރުގަދަ ބޭފުޅުންގެ ޕާޓީއެއް ކަމަށެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ލިބުނު ބޮޑު ތާއީދުން ވެސް ހާމަވަނީ ރައްޔިތުންގެ ލޯތްބާއި ތާއީދުކަން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވަނީ މާ ކުރިން ވެސް ރާވަމުން އައީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް ކަމަށެވެ. އެއީ ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމް ޕީއެންސީ އިންތިޚާބުގައި ވާދަކުރަން ޔާމީން ދެކޮޅު ހައްދަވާނެތީ ކަމަށެވެ.
"މާ ކުރިން ރޭވީމޭ، ކީއްވެ ރޭވީ؟ އަޅުގަނޑަށް ރައީސް ޔާމީން އެނގޭތީ ރޭވީ، އަޅުގަނޑަށް އެނގޭ އެ މަނިކުފާނަށް ވާދަނުކުވެންޏާ އަޅުގަނޑުމެންގެ ޕާޓީ ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ނިންމުން ނިންމަންޖެހުނީ ސިޔާސީ ގޮތުން ކުރެވުނު ތަޖުރިބާތަކުގެ ސަބަބުން ކަމަށެވެ.
ހަމައެއާއެކު އަބްދުއްރަހީމް ވަނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވި މައިގަނޑު ސަބަބަކީ ވެސް ޔާމީން، ލީޑާޝިޕުގެ ބަސް ގަބޫލުނުކުރުން ކަމަށް ވިިދާޅުވެފައެވެ.