23 Jun 2024, 23:15
މަސްވެރިންގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި 2020ވަނަ އަހަރުގެ މާޗު މަހު މަސް ކިލޯއެއް ވިއްކަން ހުރީ ކަޅުބިލަ މަސް ކިލޯއެއް 16 ރުފިޔާއަށް ކަމަށެވެ.
އޭގެ ފަހުން މަސްކިލޯއެއްގެ އަގު 17 ރުފިޔާއަށް އިތުރުކުރިކަމަށް ޝިޔާމް ވިދާޅުވިއެވެ. ކޮވިޑާއެކު ގައުމުގެ މާލީ ހާލަތު ވެސް އޮތީ ވަރަށް ބޮޑަށް ގޯސްކޮށް ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އާމްދަނީ ހޯދާނެ ގޮތްތައް ހުރީ ބަންދުވެފައި ކަމަށެވެ.
އަދި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކުރުމަށްފަހު ފައިސާ ވެސް ޗާޕުކުރަމުން އައިކަމަށެެވެ.
ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭ ސިޔާސީ ފައިދާ ހޯދަން ކަޅުބިލަ މަހުގެ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ހެދީކަމަށާއި އޭގެ ފަހުން ވެރިކަން ނިމުނުއިރު ވެސް އެންމެ 'ފައިސާ ފޮއްޗެއް' ވެސް މަސްވެރިންނަށް ނުދޭކަމަށް ވިދާޅުވިއެވެ.
"ފައިސާ ޗާޕުކޮށްގެން ދިވެހި މަސްވެރިންނާ ދޭތެރޭ އަމަލުކުރި ގޮތުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ،" އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ނިމިދިޔަ ފަސް އަހަރާއި މި އަހަރުގެ ފުރަތަަމަ ކުއާޓަރުގައި މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށެވެ.
"126 މިލިއަން ރުފިޔާގެ ދަރަންޏެއް އަޅުގަނޑުމެންގެ ބޮލުގައި އަޅަން މިޖެހުނީ. ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެޅުނީ. އެހެންނަމަވެސް ރޯދަމަސް ކުރިމަތިވާތީއާއެކީގައި ދިވެހި އެތައް ރައްޔިތެއް މަސްވެރިންގެ ތެރޭގައި، ދިވެހި އެތައް އާއިލާއެއް ތިބީމާ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވީ މަސްވެރިންނަށް ނުދެއްކި، ކުރީ ސަރުކާރުގައި ނުދައްކާ ހުރި ފައިސާއާއި މި ސަރުކާރު އައިސްގެން މިހިސާބަށް ހުރި ފައިސާ އެއްކޮށް ޚަލާސްކުރުން. އެ ކަން ކުރެއްވި،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރުން 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ޚަލާސްކޮށްފައިވާ ކަމަށެވެ. އެއީ ސަބްސިޑީތައް ހިމަނައިގެންކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަސްވެރިންނަކީ ސަބްސިޑީއާ ނުލައި މަސައްކަތް ކުރެވޭ ބަޔަކަށް ހަދާނެ ކަމަށެވެ. އަދި ސަރުކާރު މަސް ކުންފުނި މިފްކޯ އިތުރަށް ވަރުގަދަ ވެސް ކުރާނެކަމަށެވެ.
މި ވަގުތު ވެސް މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން އަންނަނީ ބޭނި މަހަށް ފައިސާ ނުލިބިގެން އިހުތިޖާޖުކުރަމުންނެވެ.