18 Jun 2012, 09:43
ޓޫރިޒަމް ވިޔަފާރިއަށް ވަނުމަށް މިއަހަރުގެ ތެރޭގައި ރިސޯޓުތަކެއް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބުނެފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވީ އެސްޓީއޯއަށް ވެސް ބޭރު ފައިސާގެ މައްސަލަ ކުރިމަތިވެފައިވާތީ ކުންފުނިން ކުރިން ވެސް ނިންމާފައިވާ ގޮތުގެ މަތިން ތިން ރިސޯޓެއް ގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ދިރާސާތަކެއް ވެސް ފަށާފައިވާ ކަމަށެވެ. ނަމަވެސް ގަތުމަށް މަސައްކަތް ކުރާ ރަށްރަށާ ބެހޭ އެއްވެސް ތަފުސީލެއް ޝާހިދު ނުދެއްވަ އެވެ.
"އަޅުގަނޑުމެން މިގެންދަނީ ކުރީގެ ބޯޑުން ވެސް ނިންމާފައިވާ ގޮތަށް ދެ ތިން ރިސޯޓެއް ގަތުމަށް ބަލަން ޖެހޭ ބައެއް ކަންކަން ބަލަމުން، އެ މަސައްކަތް އޮތީ ހަމަ ދިރާސާގެ މަރުހަލާގައި، އަޅުގަނޑުމެން އެގޮތައް އަދި މިދަނީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ޓޫރިޒަމްގެ ދާއިރާއަށް ފުޅާ ކުރުމުން ކުންފުނީގެ ފައިދާ މިހާރަށްވުރެ ވެސް ރަނގަޅުވާނެ ކަމަށާއި އެ ދާއިރާއިން އެސްޓީއޯއިން ރަނގަޅު ފައިދާއެއް ހޯދޭނެ ކަމަށެވެ.
އެ ކުންފުނިން މިހާރުވެސް އަންނަނީ ދުނިޔޭގެ ހޮޓެލް ޗެއިންއަކާއި ގުޅިގެން ފަސްތަރީގެ ހޮޓަލެއް ހުޅުމާލޭގައި ބިނާ ކުރަމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަކީ މިދިޔަ އަހަރު ވެސް އެންމެ ރަނގަޅު ފައިދާ ހޯދި ކުންފުންޏެވެ. އެގޮތުން އެ ކުންފުނިން އަހަރު ނިމުނީއިރު ސާފު ފައިދާގެ ގޮތުގައި 146.6 މިލިއަން ރުފިޔާ ހޯދިއިރު ހިއްސާއަކަށް 72ރ. ބަހަން ވަނީ ބޯޑުން ނިންމައިފަ އެވެ.