11:50


ހިއުމަން ރައިޓްސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ތިންބޭފުޅުން، އެ ކޮމިޝަންގެ މެންބަރު ކަމަށް ރައީސް މުޙަންމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައި މަގާމުގެ ހުވާކުރައްވައިފި އެވެ.


އެ ތިން ބޭފުޅުންނަކީ މާފަންނު ހުކުރަދިގޭ މަރިޔަމް ޢަޒްރާ އަޙްމަދާއި ޅ. ހިންނަވަރު ދޭލިޔާގޭ ޖީހާން މަޙްމޫދާއި ހ. އައްޑޫގޭ އަޙްމަދު ޠަލާލެވެ.


ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އެބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވި އެވެ.


އެއަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީއަކީ ރައްޔިތުންގެ ޙައްޤުތައް ވަރަށް ބޮޑަށް ނަގަހައްޓާ ޤާނޫނު އަސާސީއެއް ކަމަށާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދެވިފައިވާ، ވަރަށް ފުރިހަމަ ޤާނޫނު އަސާސީއެއް ކަމުގައި ވިދާޅުވި އެވެ.


ރާއްޖޭގައި މީގެކުރިން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިނގާފައިވުމާ އެކު، އެކަމުގެ ޝަކުވާތައް ލިބިވަޑައިގަންނަވަމުންދާ ކަމަށާއި، އެކަންކަން ނުބަލައި، ކުރިއަށް އޮތް ތާނގައި ކަންކަން ރަނގަޅު ނުކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިކަންކަން ހިއުމަން ރައިޓްސް ކޮމިޝަނުން ބައްލަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.