Last Updated:
1 decade 3 year ago

އެއްވެސް މަސައްކަތެއް ނުކުރެވި، މިއަދުގެ ޖަލްސާ ނިންމާލައިފި

  • ދެ މެންބަރެއްގެ ނަން އިއްވައި، ހަތަރު ފަހަރެއްގެ މަތިން ޖަލްސާ މެދުކަނޑާލި
ބުލޮގު ޚުލާސާ
އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ނިޒާމީ މައްސަލަތަކުގައި މަޖިލިސް ހޫނުވެ ނިޒާމު ގެއްލުމުން ކުރިއަށް ނުގެންދެވިގެން މަޖިލިސް މެދުކަނޑާލައިފި އެވެ.

އެމްޑީޕީން މަޖިލީހަށް މިއަދު ވެއްދި ކުއްލި މައްސަލައަކީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ހުށަހެޅި މައްސަލައެކެވެ.
ކުއްލި މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ ނިޒާމީ މައްސަލަތަކެއް ނަންގަވާފަ އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައި ނުގަތީ މަޖިލީހުގެ ކައުންސިލް ޖެނަރަލް ލަފާގެ މަތިން ކަމަށެވެ.

ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް ވިދާޅުވީ "ވެރިކަން ބަދަލުކުރަން" ފުލުހުންނާ ސިފައިން މަސައްކަތުގެ ވާހަކަ ފިޔަވައި، އެހެން ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން މިއަދުގެ މުޖުތަމައުގެ ކުރަމުންދާ ކަންތައްތައް ނުބަލައި އިތުރުކަމެއް މަޖިލީހުން ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލްސާގެ ނިޒާމް ގެއްލުވާލަން މަސައްކަތް ޕުޅު ކުރެއްވެވި މެންބަރުންގެ ތެރެއިން ދާންދޫ ރިޔާޒް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދަށް ރިޔާސަތުން އެތައް ފަހަރެއްގެ މަތިން ނަސޭހަތް ދެއްވި އެވެ. ނަމަވެސް އެއިން ބޭފުޅެއްގެ ނަމެއް މަޖިލީހުގައި ނުއިއްވަ އެވެ.

މަޖިލިސް މެދުކަނޑައިލެއްވެވި އިރު ދެން ޖަލްސާ ފައްޓަވާނެ ކަމަށް ނާޒިމް ވިދާޅުވީ މިއަދު 11:00 ޖަހާއިރު ކަމަށެވެ.

ޖަލްސާ މެދުކަނޑައިލި އިރު މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޕޯޑިއަމް ކައިރީގައި ހުއްޓިވަޑައިގެން ހުންނެވި އެވެ. ނަމަވެސް ނަޝީދު ވިދާޅުވަމުން ގެންދެވީ ބިލު ހުށަހެޅުއްވޭނީ މަޖިލީހުގެ އަޑު ގަދަކުރުން ހުއްޓުވިގެން ކަމަށެވެ.

ނަޝީދު މިއަދު މަޖިލީހަށް ހުށަހަޅުއްވާ ބިލަކީ އެއްވެއުޅުމުގެ މިނިވަންކަމާ ބެހޭ ބިލެކެވެ. އެ ބިލަކީ ގާނޫނު އަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި ވީނަމަވެސް، އެއްވެ އުޅުމުގެ އުސޫލުތަކާއި ހަމަތައް ބަޔާން ކުރާ ބިލެކެވެ.

14:15

އެއްވެސް މަސައްކަތެއް ނުކުރެވި، މަޖިލީހުގެ މިއަދުގެ ޖަލްސާ ހަތަރު ފަހަރެއްގެ މަތިން މެދުކަނޑާލުމަށް ފަހު، އެންމެ ފަހުން ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހަތަރު ފަހަރެއްގެ މަތިން މެދުކަނޑާލީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަތުމުންނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތީ ކައުންސިލަރު ޖަނަރަލް ފާތުމަތު ފިލްޒާގެ ލަފާގެ މަތިން ކަމަށެވެ.

މިއަދުގެ ޖަލްސާ އަށް އެމްޑީޕީގެ މެންބަރުން ހުރަސް އެޅުއްވުމުން، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވަން އުޅުނު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލްގެ ފުރަތަމަ، ކިޔުން އިއްވައި ބަހުސް ވެސް ކުރިއަށް ނުގެންދެވުނެވެ.

އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަތަކެއް ނަންގަވައި ވިދާޅުވަމުން ގެންދެވީ ކުއްލި މައްސަލައިގެ ދަށުން ވެރިކަން ބަދަލުވި ގޮތް ބެލުން ފިޔަވައި އެހެން މަސައްކަތެއް މަޖިލީހުންކޮށްގެން ނުވާނެ ކަމަށެވެ. ތަކުރާރުކޮށް ނިޒާމީ މައްސަލަތަކެއް އެމްޑީޕީގެ މެންބަރުން ނަންގަވަން ފެށުމުން، ރިޔާސަތުން ނިންމީ ނިޒާމީ މައްސަލައިގެ ދަށުން ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވުމަށެވެ. އެ ހިސާބުން މަޖިލިސް ހޫނުވެ، ނިޒާމު ގެއްލިގެން ޖަލްސާ ފުރަތަ ނިންމަވާލެއްވީ ހެނދުނު ދަންފަޅީގަ އެވެ. އަދި 11:00 ޖެހިއިރު ޖަލްސާ ފެށުމާ އެކު މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ނިޒާމީ މައްސަލަތަކެއް ނަންގަވައި އަޑު ގަދަކުރައްވަން ފެއްޓެވި އެވެ. މަޖިލީހުގައި އޭނާ އަޑު ގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ ތިން ފަހަރެއްގެ މަތިން އޭނާއަށް ނަސޭހަތްތެރިވެފަ އެވެ.

އެންމެ ފަހުން ކުބޭގެ ނަން އިއްވައި ޖަލްސާ ކުރާ މާލަމުން ނުކުންނެވުމަށް ރިޔާސަތުން އެންގެވި އެވެ. ކުބޭ މަޖިލީހުން ނުކުންނެވުމާ އެކު ޖަލްސާ ތިން ވަނަ ފަހަރަށް ފެށިއިރު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އަޑުގަދަ ކުރައްވަން ފެއްޓެވުމުން އޭނާގެ ނަންވެސް އިއްވައި ޖަލްސާ މެދުކަނޑާލި އެވެ.

ހަތަރު ވަނަ ފަހަރަށް ޖަލްސާ ފެށުމާ އެކު ނަން އިއްވެވި މެންބަރަކު މަޖިލީހުގެ ތަޅުމަށް ވެންނެވުމާ އެކު އަނެއްކާ ވެސް ޖަލްސާ މެދުކަނޑާލި އެވެ. ދެން މަޖިލީސް ފެށި އިރު، މަޖިލިސް ކުރާ މާލަމުގައި ތިއްބެވީ އެންމެ ނުވަ މެންބަރުންނެވެ. ފަސް މިނިޓްގެ ކޯރަމް ރަނގަބީލު ޖެހުމުން ވެސް މެންބަރުން ތަޅުމަށް ވަޑައިނުގެންނެވުމުން ރިޔާސަތުގައި އިއްނެވި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ.

"މިއަދުގެ ޖަލްސާ މި ނިންމާލަނީ އެއްވެސް މަސައްކަތެއް ނުކުރެވި. މިއަދުގެ ޖަލްސާގައި މަސައްކަތެއް ނުކުރެވޭ ގޮތް ދިމާވީ، މަޖިލީހުގައި ހިމެނޭ މައި ޕާޓީތަކުގެ ތެރެއިން އެއް ޕާޓިއަކުން ހުށަހެޅި ކުއްލި މައްސަލައެއް، ބަލައިނުގަތުމުގެ ސަބަބުން،" ރިޔާސަތުން ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވި އެވެ.

13:33

ނަން އިއްވެވި މެންބަރުން ޖަލްސާ ކުރައްވާ މާލަމުން ނުކުންނެވުމުން ޖަލްސާ ފައްޓަވައިފި. ނަމަވެސް ތަޅުމުގައި ތިއްބެވީ އެންމެ ނުވަ މެންބަރުން ކަމަށް ރިޔާސަތުން ވިދާޅުވި. ކޯރަމް ހަމަވާ ވަރަށް މެންބަރުން ނެތުމުން، ފަސް މިނިޓްގެ ކޯރަމް ރަނގަބީލު ޖެއްސެވުމުން ވެސް މެންބަރުން ތަޅުމަށް ވަޑައިނުގަތުމުން މިއަދުގެ ޖަލްސާ ނިންމަވާލެއްވި ކަމަށް ރިޔާސަތުން ވިދާޅުވި. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ 9:00ގައި.
12:01

އަނެއްކާވެސް ޖަލްސާ ފެށުމަށް މަޖިލީހުގެ ރިޔާސަތުން ދެންމެ މަސައްކަތް ކުރި. ނަމަވެސް ޖަލްސާ ފެށުމާ އެކު ރިޔާސަތުން ވަނީ މީގެ ކުރިން ނަން އިއްވި މެންބަރަކު ތަޅުމުގައި ހުރިކަމަށް ވިދާޅުވެ އެ މެންބަރުން ނުކުންނަންދެން ޖަލްސާ މެދުކަޑާލައިފައި. އެއީ ކޮން މެންބަރެއް ކަމެއް ވިދާޅެއް ނުވޭ.
11:31

ރިޔާސަތުން ޖަލްސާ ފެށުމާއި އެކު އެމްޑީޕީގެ މެންބަރުން އަނެއްކާވެސް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ގެ ނަން އިއްވާ އޭނާ މަޖިލީހުން ނެރެންދެން ޖަލްސާ މެދުކަޑާލިކަން ދެންމެ އިއުލާންކޮށްފައި.
11:12

މަޖިލީހުގެ ނިޒާމު ގެއްލުވާލައްވަމުންދާ މައްސަލާގައި ޖަލްސާ މެދު ކަނޑާލާފައި އޮތުމަށްފަހު އަލުން ފެށުމާއެކު މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ގެ ނަން އިއްވައި އޭނާ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުން ނެރެންދެން އަނެއްކާވެސް ޖަލްސާ މެދުކަނޑާލައިފި.