ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ދެ ޓީމު ކަމުގައިވާ މެކްސިކޯ އާއި ޖެމެއިކާ ބައްދަލުކުރި މެޗު މެކްސިކޯއިން ކާމިޔާބު ކޮށްފިއެވެ.

ހިއުސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެކްސިކޯއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މެކްސިކޯއިންނެވެ. ނަމަވެސް މިއާއެކުވެސް ޖެމެއިކާއިން ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލައިފައެވެ. މި ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.

މި ހާފުގައި މެކްސިކޯގެ ކެޕްޓަން އެޑްސަން އަލްވަރޭޒްއަށް އަނިޔާވެގެން ވަނީ ބާލަން ޖެހިފައެވެ. އަދި ފަހަރުގައި އޭނާއަށް މި ފަހަރުގެ މުބާރާތުގައި އިތުރަށް ނުކުޅެވިދާނެކަމަށް ވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

މި މެޗުގެ 52 ވަނަ މިނެޓްގައި ޖެމެއިކާއިން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް މިކައިލް އެންޓޯނިއޯ އޮފް ސައިޑްގައި ހުރުމުން ވީއޭއާރުން ބެލުމަށްފަހު ވަނީ އެ ލަނޑު ބަލައިނުގެންފައެވެ. މި މެޗުގައި މެކްސިކޯއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑޯ އާޓިއާގާއެވެ.

މި މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އެއިން ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު މި މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް މެކްސިކޯއިން ކުރާ އުންމީދު ތަކަށް މިވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. މެކްސިކޯއަކީ މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދާނެކަމަށް ކުރިން ލަފާކުރެވިފައިވާ ޓީމެކެވެ. މިގްރޫޕްގައި ދެން ހިމެނެނީ ކޮޕާ އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ދެ ޓީމުކަމުގައިވާ ވެނެޒުއޭލާ އާއި އެކުއެޑޯއެވެ. މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކޮށް ވެނެޒުއޭލާއިން ވެސް ވަނީ އެ ޓީމުގެ ފެށުން ރަނގަޅުކޮށްފައެވެ.