23 Jun 2024, 12:29
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ގިނަ ބަޔަކު އެއްވެއްޖެއެވެ.
އެ އެއްވުމަކީ ޣައްޒާ ހަނގުރާމަ ފެށިފަހުން އިސްރާއީލުގެ އާންމުން ސަރުކާރާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުމެވެ. އިސްރާއީލުގެ ވެރިރަށް ތެލް އަވީވްގައި އިއްޔެ ބޭއްވި އެ އެއްވުމުގައި ބައިވެރިން ގޮވައިލައިފައި ވަނީ އިސްރާއީލުގެ އިންތިހާބު އަލުން ބާއްވައި ހިފަހައްޓަފައިވާ ރަހީނުން މިނިވަންކުރުމަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ "ހަނގުރާމަ ހުއްޓާލާ" ، "ކުށްވެރި މިނިސްޓަރު" ފަދަ ލިޔުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މުޒާހަރާކޮށްފައެވެ.
"އަހަރެން މިތަނަށް މިއައީ ކާފަދަރިފުޅުގެ މުސްތަގުބަލާމެދު ބިރުން. އަހަރުމެން ބޭރަށް ނުކުމެ ބިރުވެރި ސަރުކާރު ވައްޓައިނުލައިފިނަމަ އެމީހުންނަށް މުސްތަގުބަލެއް ނޯންނާނެ." މުޒާހަރާގައި ބައިވެރިވި އުމުރުން 66 އަހަރުގެ ކޮންޓްރެކްޓަރު ޝާއި އެރެލް ބުންޏެވެ.
ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ޖަމާއަތެއް ކަމަށްވާ ހުފްޝީ އިސްރާއީލުން ލަފާކުރާ ގޮތުގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ބާއްވާ އެންމެ ބޮޑު އެއްވުމުގައި 150،000 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.
އެއްވެ ތިބި މީހުންނާ މުހާތަބުކޮށް ދިން ތަގުރީރުގައި އިސްރާއީލުގެ ޑޮމެސްޓިކް ޝިން ބެޓް ސެކިއުރިޓީ އެޖެންސީގެ ކުރީގެ ވެރިޔާ ޔޫވަލް ޑިސްކިން ވިދާޅުވީ އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އަކީ އެ ގައުމުގައި މިހާތަނަށް ވެރިކަންކުރި އެންމެ ނުބައި ވެރިޔާ ކަމަށެވެ.
އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވީރާއި ކަނާތު ފިޔައިގެ އެހެން އަލްޓްރާ ނޭޝަނަލިސްޓުން ހިމެނޭ ކަނާތުފިޔައިގެ އިއްތިހާދުން ޣައްޒާގެ ހަނގުރާމަ ދިގުކޮށް، އެ ގައުމުގެ ސަލާމަތާއި ރަހީނުން ނުރައްކަލުގެ ތެރެއަށް ވައްޓައިލައިފައިވާ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ އެ އިއްތިހާދާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލުމަށް ކަމަށްބުނެ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ގާތްގަޑަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، އިސްރާއީލުގެ ގިނަ ބަޔަކު އަންނަނީ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް މުޒާހަރާތައް ބާއްވަމުންނެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 37،551 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ހަނގުރާމަ ފެށިފަހުން ހަމާސްއިން އިސްރާއީލުގެ 251 ރަހީނުން އަތުލައިގަތްއިރު، އޭގެ ތެރެއިން 116 މީހުން ޣައްޒާގައި އެބަތިބި ކަމަށް އިސްރާއީލުން ގަބޫލުކުރެއެވެ.