ޤާހިރާ (ޖޫން 18): މިމަހުގެ 16 ން 17 އަށް މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރު އެ ޤައުމުގެ އިޚްވާނުލް މުސްލިމީން ޖަމާއަތަށް ނިސްބަތްވާ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީ60، ކާމިޔާބު ކުރައްވައިފި ކަމަށް ޚަބަރު ލިބިއްޖެވެ.

އިޚްވާނުލް މުސްލިމީން ޖަމާއަތުން އުފައްދާފައިވާ ސިޔާސީ ޕާޓީކަމަށް ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީ އިން ދާދިދެންމެ އަކު އިޢްލާން ކޮށްފައި ވަނީ އެ ޕާޓީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީ ވޯޓުގެ 52.5 ޕަސެންޓް ހޯއްދައިވައިގެން އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމުގަ އެވެ. ޑރ. މަރްސީ އިންތިޚާބު ކާމިޔާބުކުރެއްވިކަން އިޢްލާންކުރައްވަމުން ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ތަރްޖަމާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުގެ 97.6 ޕަސެންޓް ވޯޓު ގުނައި ނިމިފައިވާ އިރު މަރްސީ އަށް 52.5 ޕަސެންޓް ލިބިވަޑައިގެންފައިވާ ކަމަށާއި އޭނާގެ ވާދަވެރިޔާ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ކޭމްޕަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ޖެނެރަލެއް ކަމަށްވާ އަޙްމަދު ޝަފީޤަށް ލިބިވަޑައިގަތީ 47.5 ޕަސެންޓް ވޯޓު ކަމުގަ އެވެ.

އިންތިޚާބުގެ ވޯޓުގެ ތެރެއިން މިހާތަނަށް ގުނާފައި ނުވަނީ އެންމެ 05 ޕަސެންޓް ވޯޓު ކަމަށާއި މިވަރުގެ ކުޑަ ޕަސެންޓަކުން މަރްސީއަށް ލިބިވަޑައިގެންނެވި ވޯޓަށް މާބޮޑު ބަދަލެއް އައުމުގެ ފުރުސަތު ނެތްކަމަށް ވެސް އިޚްވާނުލްމުސްލިމީންގެ ސިޔާސީ ޕާޓީ ކަމަށްވާ ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ތަރްޖަމާން ވިދާޅުވި އެވެ.

މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ވަރަށް އަވަހަށް ވަގުތީ ނަތީޖާ ޢިޢްލާންކުރާނެ ކަމަށާއި ޑރ. މަރްސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި މިހާރު އެއްވެސް ޝައްކެތްނެތް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިއީ މިސްރުގެ ތާރީޚުގައި ވެސް މިނިވަން މާހައުލެއްގައި ޑިމޮކްރެޓިކް ހަމަތަކުން ބޭއްވި ފުރަތަމަ އިންތިޚާބު ކަމަށް ސިފަކުރެ އެވެ. ޑރ. މަރްސީގެ ވާދަވެރިޔާ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ކޭންޕަށް ނިސްބަތްވެވަޑައިގަންނަވާ ރިޓަޔަޑް ޖެނެރަލް އަޙްމަދު ޝަފީޤުގެ ކޭންޕޭން އޮފީހުގެ ފަރާތުން އިންތިޚާބާ ބެހޭ އެއްވެސް ބަޔާނެއް އަދި ނުނެރެ އެވެ.
އިޚްވާނުލްމުސްލިމީންގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީއަކީ ފިޒިކްސްގެ ރޮނގުން އެމެރިކާގައި ޕީއެޗްޑީ ހެއްދެވުމަށް ފަހު އެމެރިކާގެ ޔުނިވަސިޓީތަކުގަ އާއި މިސްރުގެ ޔުނިވަސިޓީތަކުގައި ފިޒިކްސްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ވަރަށް ޢިލްމީ އަދި ދީނީ ފިކުރުގެ ބޭފުޅެކެވެ.

ޝަފީޤަކީ ޢަސްކަރީ ދާއިރާ އިން މަތީ ތަޢްލީމް ޙާސިލްކުރައްވައި އަދި ޢަސްކަރީ ބޮޑެތި ތަޖްރިބާތަކެއް ޙާސިލްކުރައްވައިގެން ހުންނެވި ކުރީގެ ޖެނެރަލެކެވެ. ޝަފީޤާ މެދު ބެލެވިފައި ވަނީ މުބާރަކް ގެންގުޅުއްވި ޢިލްމާނީ އަދި ޢަސްކަރީ ފިކުރުމުގެ ބޭފުޅެއްގެ ގޮތުގަ އެވެ. ޝަފީޤަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މިސްރުގެ ވެރިކަމުގެ ޙަޤީޤީ ބާރުތައް އޮންނާނީ މުބާރަކްގެ ދުވަސްވަރެކޭ އެއްގޮތަށް މިސްރުގެ ބާރުގަދަ ސިފައިންގެ ލަޝްކަރުތަކުގެ އަތްމަތީގައި ކަމަށާއި މިފަދަ ޙާލަތެއްގައި އެމެރިކާގެ ބާރާއި ނުފޫޒު ވެސް ހަމަކުރިއެކޭ އެއްގޮތަށް މިސްރުގައި އޮންނާނެ ކަމަށް މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލައި މިސްރަށް ރައްޔިތުންގެ އިންޤިލާބު ގެނައި ފަރާތްތަކާއި އިޚްވާނުލްމުސްލިމީން ފަދަ އިސްލާމީ ފިކުރުމުގެ މީހުން ދެކެ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިޚްވާނުލްމުސްލިމީންގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީ އިންތިޚާބު ކާމިޔާބު ކުރެއއްވި ނަމަވެސް އޭނާގެ ވެރިކަމުގައި ރައްޔިތުން ބޭނުންވާ ނަމޫނާ ދައްކަވައި ރައްޔިތުން އެދޭފަދަ ހެޔޮވެރިކަން ޑރ. މަރްސީ އަށް ހެޔޮވެރިކަން ނުކުރެއްވިއްޖެ ނަމަ އޭނާ އަށާއި މިސްރުގެ އައު ޑިމޮކްރެޓިކް ނިޒާމުގެ މައްޗަށް ރައްޔިތުން ކުރަމުންގެންދާ އާދަޔާ ޚިލާފު އުންމީދުތައް ވިއްސި ވިހާލިވެ އެހިސާބުން އަނެއްކާ މިސްރުގެ ވެރިކަމަށް ފައިނެގުމުގެ ފުރްސަތު މުބާރަކުގެ ނިޒާމާ ގުޅިފައިވާ ކުރީގެ ޖެނެރަލުންނާއި ލާދީނީ ޚިޔާލުގެ ފަރާތްތަކަށް ފަހިވެގެންދާނެ ކަމަށް މުޙައްލިލުން ލަފާކުރެ އެވެ. -- އަލްޖަޒީރާ