މާތްވެގެންވާ މައްކާ (ޖޫން 18): މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވި ސައޫދީ ވަލީއުލްޢަހްދު އަލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު ރޭ އިރާކޮޅު މައްކާގައި ފަސްދާނުލައިފި އެވެ.

ނާއިފްގެ މައްޗަށް ކަށުނަމާދުކޮށްފައި ވަނީ ރޭ މަޣްރިބް ނަމާދަށް ފަހު ގެފުޅުގެ މާތްވެގެންވާ ޙަރަމްފުޅުގަ އެވެ. ކަށުނަމާދުގަ އާއި އޭނާ ފަސްދާނުލުމުގައި ސަޢޫދީ ރަސްގެފާނު އަބްދުﷲ އާއި ސަޢޫދީ ސަރުކާރުގެ އިސްވެރިންނާއި ޝާހީ ޢާއިލާގެ އިސްބޭފުޅުންގެ އިތުރުން ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ބައެއް ލީޑަރުންނާއި ސަޢޫދީ ބައެއް ޢާންމުން ބައިވެރިވި ކަމަށް ސަޢޫދީ ރަސްމީ ޓީވީ ޚަބަރުދެ އެވެ.

އުމުރުން 78 އަހަރުގެ ނާއިފް އަވަހާރަ ވެފައި ވަނީ ސިއްޙީ ފަރުވާއަކަށް ސްވިޓްޒަރލޭންޑަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވަރަށް ކުއްލި ގޮތަކަށެވެ. ނާއިފްގެ ހަށިކޮޅު ޖެނީވާ އިން ޖިއްދާ އެއަޕޯޓަށް ގެނަސްފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. ނާއިފަކީ ސައޫދީ އަރަބިޔާގެ ބާނީ ކިންގް ޢަބްދުލްޢަޒީޒް އާލުސުޢޫދުގެ ފިރިހެން ދަރިންގެ ތެރެއިން 23 ވަނަ ދަރިކަލުންނެވެ.

ވިރާސީ ރަސްކަމެއްކުރާ ސަޢޫދީ އަރަބިޔާގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ވެސް އަދި ވެރިކަން ކުރަމުންގެންދަނީ ވެސް ކިންގް ޢަބްދުލްޢަޒީޒް އާލުސުޢޫދުގެ ޢާއިލާގެ ތެރެއިން ވިރާސީ އުސޫލުގެ މަތިންނެވެ. ނާއިފް އެންމެ ގިނަ ދުވަހު ޚިދްމަތް ކުރައްވާފައި ވަނީ ދާޚިލީ ވަޒީރު ކަމުގަ އެވެ. ދާޚިލީ ވަޒީރުކަމުގައި 37 އަހަރު ހޭދަކުރައްވާފައިވެ އެވެ.

މިދިޔަ އަހަރު ވިރާސީ އުސޫލުގެ މަތިން ސަޢޫދީ ރަސްކަމުގެ ތަޚްތުގެ ވަލީއުލްޢަހްދުގެ މަޤާމަށް ނާއިފް އިސްކުރައްވައި ޝާހީ ޢާއިލާއިން އޭނާއަށް ބައިޢަތު ހިފާފައި ވީނަމަވެސް ދާޚިލީ ވަޒީރުކަމުގެ މަޤާމްވެސް ފުރުއްވަމުން ގެންދެވީ އޭނާ އެވެ. ނާއިފްގެ ދާޚިލީ ވަޒީރުކަމުގައި އަލްޤާޢިދާ ޖަމާއަތުގެ ޙަރަކާތްތަކާދެކޮޅަށް ވަރަށް ވަރުގަދައަށް ސަޢޫދީ ސަލާމަތީ ބާރުތައް ޙަރަކާތްކުރުވައި ސަޢޫދީ މުޖްތަމަޢުގައިވާ އަލްޤާޢިދާގެ މޫތައް ލުހެލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ.
ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ރުހުމާއި ތަޢްރީފް އޭނާ އަށް ލިބިވަޑައިގެންނެވި އެވެ.

ނާއިފަށް ފަހު ސަޢޫދީ ވަލީއުލްޢަހްދުގެ މަޤާމު ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވަނީ ކިންގް ޢަބްދުލްޢަޒީޒް އާލުސުޢޫދުގެ ފިރިހެން ދަރިންގެ ތެރެއިން 24 ވަނަ ދަރިކަލުން ކަމަށްވާ ދިފާޢީ ވަޒީރު ކަމުގެ މަޤާމުގައި މިހާރު ހުންނެވި އަލްއަމީރު ސަލްމާނަށެވެ. (އަލްޖަޒީރާ)