22 Jun 2024, 20:43
އެޗްޑީސީގެ ނަމުގައި, ވިނަރެސް ފްލެޓަށް ކުރިމަތިލާން ލިންކެއް މެސެޖެއްގެ ގޮތުގައި ފޮނުވަމުންދާތީވެ، އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދެފިއެވެ.
މިގޮތުން ފުލުހުން ބުނީ އެ ނެސެޖުތަކުގައި ވަނީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެޕްލައިކުރުމުގެ ފުރުސަތު އެޗްޑީސީއިން ހުޅުވާލާފައިވާކަމަށެވެ.
ނަމަވެސް އެ މެސެޖަކީ ސައްޙަ މެސެޖެއް ނޫން ކަމަށެވެ.
މީގެ އިތުރުން އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ، ލިންކެއް ވެސް މެސެޖުގައިވާކަމަށް ބުންޏެވެ.
އެ ލިންކަށް ވަދެ ފޭސްބުކް އަދި އިންސްޓަގްރާމް އައިޑީތައް ހެކްކޮށް، ފްރެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަމަށް ސަމާލުވާން ފުލުހުން ވަނީ އެދިފައެވެ.
މި ފަހަކަށް އައިސް ވަގު އައިޑީތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތައް ވަނީ އިތުރުވެފައެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ.