އީޔޫގެ އާ ގަވައިދުތަކާ ގުޅިގެން، އެޕަލްގެ ފަހުގެ އޭއައި ފީޗާތައް ޔޫރަޕަށް ތައާރަފްކުރުން ފަސްކޮށްފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކަސްޓަމަރުންނަށް އާޓިފިޝަލް އިންޓެލިޖެންސްގެ އާ ތިން ފީޗާއެއް ތައާރަފުކުރުން ލަސްކުރަން އެޕަލް އިން ނިންމައިފައިވާއިރު، އީޔޫގެ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) އިން އެކުލަވާލައިފައިވާ އާ ގަވާޢިދުގައި ހިމަނާފައިވާ ބައެއް ކަންކަމަކީ ޓެކްކުންފުނިތަކުން ބަލައިގަންނަން އެހާބޮޑަށް ބޭނުންވާ ކަންކަމެއް ނޫނެވެ.

އައިއޯއެސް 18 އާއި އެކު އެޕަލްއިން ޚާއްސަ އޭއައި ފީޗާތަކެއް ފަހުގެ އައިފޯންތަކަށް ރޯލްއައުޓް ކުރަމުންދާއިރު، އެ ފީޗާތައް ޔޫރަޕަށް ދިނުން މިވަނީ މަޑުޖައްސާލައިފައެވެ.

އެޕަލްއިން ޔޫރަޕްގައި ތަޢާރަފްކުރުން ލަސްކުރި 3 ފީޗާއަކީ:

1. އެޕަލް އިންޓެލިޖެންސް: ކޮމާންޑްގައި ޓެކްސްޓް، ފޮޓޯ އަދި އެހެނިހެން ކޮންޓެންޓް އުފައްދައިދޭ އޭއައި ސިސްޓަމް.

2. އައިފޯން މިރަރިން: މެކް ކޮމްޕިއުޓަރުތަކުން އައިފޯންގެ ސްކްރީންތައް ބަލައި ކޮންޓްރޯލް ކުރެވޭނެ ފީޗާއެއް.

3. ޝެއާޕްލޭ ސްކްރީން ޝެއާކުރުމުގެ އެންހޭންސްމަންޓްސް: އެޕަލްގެ ސްކްރީން ޝެއާ ކުރުމުގެ ގާބިލުކަން.

މި ފީޗާތަކަކީ އައިފޯނާއި އައިޕެޑް އަދި މެކްގެ ސޭލްސް އިތުރުކުރުމުގެ މަގުސަދުގައި އެޕަލްގެ ޑިވައިސްތަކަށް އިތުރު އޭއައި ކެޕޭސިޓީތައް އިންޓަގްރޭޓް ކުރުމަށް އެޕަލް އިން ދާދި ފަހުން ކުރި މަސައްކަތުގެ ތެރެއިން އިތުރުކުރި ފީޗާތަކެކެވެ.

އައިފޯން 15 ޕްރޯ، އައިފޯން 15 ޕްރޯ މެކްސް އަދި އައިޕެޑް އާއި މެކްސް ގައި އެމް1 ޗިޕްސްއާއެކު އެޕަލް އިންޓެލިޖެންސް ހިމަނަން އެޕަލްއިންވަނީ ނިންމާފައެވެ.

އެޕަލް އިން ވަނީ ޑީއެމްއޭގެ އިންޓައޮޕަރަބިލިޓީ ރިކުއާމަންޓާ މެދު ކަންބޮޑުވުން ފާޅުކޮށް، "ޔޫޒަރުންގެ ޕްރައިވެސީ އާއި ޑޭޓާ ސެކިއުރިޓީއަށް ނުރައްކާވާ ގޮތަށް އެކުންފުނީގެ އުފެއްދުންތަކުގެ އިންޓެގްރިޓީ އަށް ބުރޫ އަރާފާނެ" ކަމަށް ބުނެ އެ ފީޗާތައް ތަޢާރަފްކުރުން ފަސްކޮށްފައެވެ.

ނަމަވެސް ޔޫރަޕިއަން ކޮމިޝަނާ ގުޅިގެން މި ފީޗާތައް ކަސްޓަމަރުންގެ ސަލާމަތަށް ބުރޫނާރާ ގޮތަށް ތައާރަފް ކުރެވޭނެ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

އޭއައި އާއި ޑޭޓާ ޕްރޮޓެކްޝަންގެ ކަންކަމުގައި ޓެކް ކުންފުނިތަކަށް އެކި މާކެޓުތަކުގައި އިތުރުވަމުންދާ ކޮމްޕްލެކްސް ރެގިއުލޭޝަންތަކާއި ކުރިމަތިވަމުން ދާއިރު، އެޕަލްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން އީޔޫގެ ގަވައިދުތަކުގެ ސަބަބުން ދުނިޔޭގެ ޓެކް އިނޮވޭޝަން އަދި ޕްރޮޑަކްޓް ލޯންޗްކުރުމަށް ކުރާނެ ނޭދެވޭ އަސަރުތައް ވެސް ވަނީ އެ ކުންފުނިން ފާހަގަކޮށްފައެވެ.

މި ފީޗާތައް ޔޫރަޕްގެ އެޕަލް ޔޫޒަރުންނަށް ލިބޭނެ ދުވަހެއް އެޕަލް އިން ހާމަކޮށްފައި ނުވާއިރު، ޔޫރަޕްގެ ކަސްޓަމަރުން އިންތިޒާރު ކުރަމުން ދަނީ ރެގިއުލޭޓަރީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކާއެކު ވެސް އެޕަލްގެ މަޤްބޫލު ޚިދުމަތްތަކަށް އެއްވެސް މަޑުޖެހުމެއްނެތި ލިބޭނެ ދުވަހަކަށެވެ.