22 Jun 2024, 19:00
ކަޅު ނަސްލުގެ ބަޔަކު ފްލައިޓުން ބޭލި މައްސަލައެއްގައި މުވައްޒަފުން އެމެރިކާގެ އެއާލައިންގެ ބައެއް މުވައްޒަފުން ޗުއްޓީއަށް ފޮނުވައިލައިފިއެވެ.
އެ މީހުން ފްލައިޓުން ބާލައިފައި ވަނީ ހަށިގަނޑުގައި ވަހެއް ހުރުމުން ކަމަށް ބަޔަކު ޝަކުވާ ކުރުމުންނެވެ.
ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ހިނގި ހާދިސާގައި ނަސްލީ ތަފާތުކުރުންތައް ހިންގާފައިވާ ކަމަށް ބުނެ ތިން ފަސިންޖަރުން އެ އެއާލައިނާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ މިދިޔަ މެއި މަހުއެވެ.
ދައުވާ އުފުލައިފައި ވަނީ އެލްވިން ޖެކްސަން، އެމަނުއެލް ޖީން ޖޯސެފް، އަދި ޒެވިއާ ވީލްއެވެ. އެ މީހުން ބުނި ގޮތުގައި އެ މީހުން ބޭރުކޮށްފައި ވަނީ ފީނިކްސް، އެރިޒޯނާ އާއި ނިއުޔޯކް ސިޓީއާ ދެމެދު ދަތުރުކުރި ފްލައިޓުތަކުންނެވެ.
އަދި އެގޮތަށް ކަޅު ނަސްލުގެ އަށް މީހުން ފްލައިޓުން ބޭރުކޮށްފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ. ނަމަވެސް ފަހުން ވަނީ އެ މީހުންނަށް ދަތުރުކުރުމުގެ ފުރުސަތު ދީފައެވެ.
މުވައްޒަފުންނަށް ފޮނުއްވި ނޯޓެއްގައި އެ އެއާލައިންގެ ސީއީއޯ ރޮބަޓް އައިސޮމް ވިދާޅުވީ އެ ހާދިސާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ކުންފުނިން ވެފައިވާ ވައުދަށް އެކަމުގެ ސަބަބުން ބުރޫއަރައިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިކަމުގައި ބައިވެރިވާ ފަރާތްތައް ޖަވާބުދާރީ ކުރުވާނަން، އޭގެ ތެރޭގައި ޓީމް މެމްބަރުން ހިދުމަތުން ވަކިކުރުން ވެސް ހިމެނޭ،" އެ އެއާލައިނުން ނެރުނު ބަޔާނުގައިވެއެވެ.
އަދި މިފަދަ ހާދިސާތައް ހުއްޓުވުމަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރާނެކަން އެ ކުންފުނިން އިއުލާންކޮށްފައިވާއިރު، އޭގެ ތެރޭގައި ކަޅު ނަސްލުގެ ފަސިންޖަރުންގެ ތަޖުރިބާއަށް އަމާޒުކޮށްގެން "އެޑްވައިޒަރީ ގްރޫޕެއް" އެކުލަވާލުން ވެސް ހިމެނެއެވެ.
އެ ހާދިސާއަކީ އެމެރިކާ އެއާލައިންތަކުން ނަސްލީ ތަފާތުކުރުން ގެންގުޅުނު ފުރަތަމަ ފަހަރެއް ނޫނެވެ.