18 Jun 2012, 08:55
ދަށު ކޯޓުތަކުގެ ނިންމުންތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ތަންފީޒު ނުކުރުމަށާއި އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް މައްސަލަތައް ނުބެލުމަށް އަންގައި އަދި އެ ފަނޑިޔާރުންގެ މުސާރަ ނުދެވޭނެކަމަށް ކަނޑައަޅައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނެރުއްވަން އުޅުއްވި ގަރާރެއް ލީކްވެއްޖެ އެވެ.
އެ ގަރާރާއެކު ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ކަމަށް ބުނެ އެނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް ދިރާސާކޮށް ފާހަގަ ކުރުމަށްޓަކައި ޖުޑީޝަލް ރިފޯމް ކޮމިޝަނެއް އުފެއްދުމުގެ ގަރާރެއް ވެސް ނެރުއްވަން އުޅުއްވި އެވެ.
އެ ގަރާރުގައި ބުނަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދަވާ ޖުޑީޝަލް ރިފޯމް ކޮމިޝަންގެ މަސައްކަތްތައް ފެބްރުއަރީ 16، 2012 އަށް ނިންމަން ޖެހޭނެ ކަމަށެވެ.
ދަށު ކޯޓުތަކަށް ތަބާނުވުމަށް ނެރޭ ގަރާރުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތިއްބެވީ ގާނޫނު އަސާސީގެ 285 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތާއި ތައާރަޒުވާގޮތަށް ކަމަށް ބުނެފައި ވެއެވެ.
އެ ދެ ގަރާރުގައި ވެސް ގާނުނޫ އަސާސީގެ ގިނަ މާއްދާތަކާއި ހަވާލާދެއްވައި ރައީސުލް ޖުމްހޫރިއްޔާއަށް އެކަން ކުރުމުގެ ބާރު ލިބިގެންވާކަމަށް ބުނެފައި ވެއެވެ.
"ގާނޫނު އަސާސީން ކޮންމެ މީހަކަށްމެ ލިބިދީފައިވާ، އަދުލުވެރިކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާ އެކު، އިންސާފުން ޝަރީއަތް ކުރެއްވުމުގެ ހައްގު ކަށަވަރުކޮށްދޭނީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންނަށް ކަމަށްވީ ހިނދު، އަދި ގާނޫނު އަސާސީ ތަންފީޒުކޮށް، އެންމެންގެ ހައްގުތައް ރައްކާތެރިކުރުމަކީ އަހުރެންގެ ދުސްތޫރީ ޒިންމާއަކަށްވީ ހިނދު، ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އާއި 285 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހައި ކަންކަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ކޮށް، ގާނޫނު ނަމްބަރު 2010/ 13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން އައްޔަންކޮށްފައިވާ ފަނޑިޔާރުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލާއި މިންގަނޑާއި ގާނޫނު ނަމްބަރު (2010/ 13ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އާ އެއްގޮތަށް އައްޔަން ކުރެވެންދެން، ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، މި ހިނދުން ފެށިގެން އެ ފަނޑިޔާރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު އެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއް ނުބެލުމަށް އަންގައި، އެ ފަނޑިޔާރުން މި ހިނދުން ފެށިގެން ކުރާ ހުކުމްތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ތަންފީޒު ނުކުރުމަށާއި، އެ ފަނޑިޔާރުންނަށް ލިބިދެވޭ މުސާރަ އާއި އެންމެހައި އިނާޔަތްތައް ލިބިދެވެން ނެތް ކަމަށް އަހުރެން ކަނޑައަޅައިފީމެވެ،" ކުރީގެ ރައީސް ނަޝީދު ނެރުއްވަން އުޅުއްވި ގަރާރުގައި ވެއެވެ.
އެ ގަރާރާއި އެކު ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވަން ތައްޔާރު ކޮށްފައިވާ ޚަބަރެއް ވެސް ވަނީ ލީކް ވެފައެވެ.
އެ ޚަބަރުގައި ވަނީ ޖުޑީޝަލް ރިފޯމް ކޮމިޝަނަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ހަތަރު ބޭފުޅެއްގެ ނަން ހިމަނާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތު މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އަހުމަދު މުއުތަސިމް އަދުނާނާއި ހައި ކޯޓުގެ އިސް ފަނޑިޔާރުގެ ހައިސިއްޔަތުން އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފު އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގދ. ތިނަދޫ އަލިދޯދި އަހުމަދު އަބްދުﷲ އަފީފެވެ.