22 Jun 2024, 20:46
ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުން އޮވެދާނެ ކަމަށް ބުނެ، ޖަޕާނުގެ ކިޔޯޓޯ ސިޓީގެ ހޮޓަލަކަށް އިސްރާއީލު މީހަކު ވަނުން މަނާކޮށްފިއެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ޓޯކިޔޯގައި ހުންނަ ކިޔޯޑޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަދަ އަމަލަކީ ހާއްސަ ހާލަތްތަކުގައި ނޫނީ ހޮޓަލްތަކާއި އެހެނިހެން ވަސީލަތްތަކަށް ޒިޔާރަތްކުރާ މީހުންނަށް ޖާގަ ނުދިނުމަށް ދެކޮޅު ހަދާ ގާނޫނަކާ ހިލާފު އަމަލެއް ކަމަށް ސިޓީ ސަރުކާރުން ވަނީ ހިގަޝިޔާމާ ވޯޑުގައި ހުންނަ ހޮޓެލް މެޓީރިއަލް އަށް އަންގާފައެވެ.
އެ މައްސަލަ ތަހުގީގުކޮށް ކަމާބެހޭ ފަރާތްތަކުން ބުނީ އެމީހާގެ އޮންލައިން ބުކިން ހޮޓަލުން ކެންސަލްކުރި ސަބަބަކީ އެއްވެސް ވަރަކަށް އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.
ޓޯކިޔޯގައި ހުންނަ އިސްރާއީލުގެ އެމްބަސީންވެސް އެ މައްސަލައިގައި ވަނީ ހޮޓަލަށް ފާޑުކިޔައިފައެވެ. އަދި އެއީ ޖަޕާނުގެ ވިޔަފާރީގެ ގާނޫނާ އެއްގޮތް ނުވާ ތަފާތުކުރުމުގެ ސާފު މައްސަލައެއް ކަމަށް އެމްބަސީން ބުނެއެވެ.
ޖަޕާނުގެ ހާރިޖީ ވަޒީރު، ޔޯކޯ ކަމަކިވޯ ވިދާޅުވީ ގައުމީ ތަފާތު ކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ހޮޓަލުގެ ފަރާތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.