21 Jun 2024, 22:30
މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ އިގްތިޞާދު 0.9 އިންސައްތަ ކުރިއަރާނެ ކަމަށް މޯލްޑިވްސް މަނިޓޮރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލަފާކޮށްފިއެވެ.
އެމްއެމްއޭއިން މި މަހުގެ 11ގައި އާންމުކޮށްފައިވާ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިދިޔަ އަހަރު ނިމުންއިރު ރާއްޖޭގެ އިގްތިޞާދީ ދުވެލި ހުރީ ހަތަރު އިންސައްތަގައެވެ.
ނަމަވެސް، ކޮންސްޓްރަކްޝަންއާއި ދަތުރުފަތުރު އަދި މުއާސަލާތީ ދާއިރާގެ ކުރިއެރުން މަޑު ޖެހޭނެ ކަމަށް މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާތީ، އެނުއަލް ޖީޑީޕީ ގްރޯތު ރޭޓު މިހާރު ހުންނާނެ ކަމަށް އެމްއެއޭއިން ލަފާކުރަނީ 4.9ގައި ކަމަށެވެ.
ނަމަވެސް މީގެކުރިން މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު ހުންނާނީ 5.5 އިންސައްތަގައި ކަމަށް ލަފާކުރި ކަމަށް އެ ބުލެޓިންގައިވެއެވެ.

ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ: މިދިޔަ އަހަރަށްވުރެ، މިއަހަރުގެ އިގްތިޞާދު 0.9 އިންސައްތަ ކުރިއަރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިތުރަށް ކުއާޓާލީ އިކޮނޮމިކް ބުލެންޓިންގައިވާ ގޮތުން، މިދިޔަ އަހަރުގެ ކަރަންޓު އެކައުންޓު ޑެޕިސިޓު ހުރީ 20.3 އިންސައްތައިގައި ކަމަށާއި މިއަހަރު އެ އަދަދު 18.8 އިންސައްތައަށް ދަށްވާނެ ކަމަށެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ލަފާކޮށްފައިވާ ގޮތުން، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިންފްލެމޭޝަން 0.8 އިންސައްތަ އިތުރުވެ، ސަބްސިޑީ އިސްލާހު ތަންފީޒު ކުރެވެން ފެށުމާއެކު މިއަހަރު ނިމޭއިރު އިންފްލޭޝަން ހުންނާނީ 7.3 އިންސައްތަގައި ކަމަށް އެމްއެމްއޭގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ލަފާކޮށްފައިވެއެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މިދިޔަ އަހަރާއި ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން އަންނާނެ ކަމަށް ލަފާކުރެވޭތީ، މި އަހަރުގެ އިގްތިޞާދީ ދުވެލި ރަނގަޅުވާނެއެވެ.