21 Jun 2024, 21:14
ޔޫރޯ 2024 ގެ ގްރޫޕް އީގައި ސްލޮވާކިޔާ އިން ލަނޑެއް ޖަހާފައިވަނިކޮށް ދެވަނަ ހާފުގައި ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑާއެކު ޔޫކްރެއިނުން ދެވަނަ ބުރުގެ އުއްމީދު އައުކޮށްފިއެވެ.
ޖަރުމަނުގެ ޑުސެލްޑޯފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ޔޫކްރެއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވެއްޖެ ނަމަ ޔޫކްރެއިނަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ބަންދުވާނެ އެވެ. އެއީ ޔޫކްރެއިން ކުޅުނު ފުރަތަމަ މެޗުގައި ރޮމޭނިއާ އަތުން 3-0 އިން ބަލިވެފައިވުމާއެކުއެވެ.
ސްލޮވާކިޔާ ވަނީ މި ގްރޫޕުގެ ފުރަތަމަ މެޗުގައި ވަރުގަދަ ބެލްޖިއަމް ބަލިކޮށްފައެވެ. ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ބެލްޖިއަމް ބަލިކުރުމާއެކު އެ ޓީމު މި މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދެވެން އޮތެވެ.
މެޗު ރަނގަޅަށް ފެށީ ސްލޮވާކިއާއިންނެވެ. އެ ޓީމުން މެޗުގެ ލީޑު ނަގާފައިވަނީ 17 ވަނަ މިނެޓުގައެވެ ހަރާސްލިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްލޮވާކިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިވާން ޝްރާންޒެވެ.
މިއީ އޭނާ ޔޫރޯގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.
މި ލަނޑަށްފަހު ޔޫކްރެއިނުން ހަމަލާތައް އިތުރުކުރިއެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ކައުންޓަރ އެޓޭކެއްގައި ޓިމްޝިކް ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް އައީ ދަނޑީގައި ޖެހިފައެވެ.
ދެވަނަ ހާފުގައި ފެނުނީ ތަފާތު ޔޫކްރެއިނެކެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޔޫކްރެއިނަށް ނަތީޖާ ހަމަހަމަކޮށްދިނީ މިކޯލާ ޝަޕަރެންކޯއެވެ. އޭނާ މި ލަނޑު ޖެހީ ކައުންޓާ އެޓޭކެއްގައި އޮލެކްސެންޑާ ޒިންޗެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލައިގެންނެވެ.
މީގެއިތުރުން ޔުކްރޭނުން 74 ވަނަ މިނެޓުގައި އިތުރު ފުރުސަތެއް ހޯދިއެވެ. ރޯމަން ޔަރެމްޗުކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން މުޑްރީކް ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވާކިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުން ޔޫކްރެއިން މޮޅުވި ލަނޑު ކާމިޔާބުކުރީ 80 ވަނަ މިނެޓުގައެވެ. ޝަޕަރެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޔޫކްރޭނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔަރެމްޗުކެވެ.
މި ނަތީޖާއާއެކު ގްރޫޕް އީގެ ފޯރި ވަނީ ގަދަވެފައެވެ. އެގޮތުން ސްލޮވާކިޔާ އާއި ޔޫކްރެއިނާއި ރޮމޭނިއާއަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. މި ގްރޫޕުގައި ހިމެނޭ ބެލްޖިއަމަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މުބާރާތުގައި އެ ޓީމަށް ކުރިއަށްދިއުމުގެ ފުރުސަތެއް އޮތީ ރޮމޭނިއާ ބަލިކޮށްގެންނެވެ.