ފުލުހަކު, ބޭއަދަބީކޮން އާންމުންގެ މީހަކާ މުއާމަލާތު ކުރިކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ޓޯކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފުލުހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަމާ ގުޅިގެންނެވެ.

ފުލުހުން ބުނީ މި މައްސަލައަކީ މި މަހުގެ 12 ވަނަ ދުވަހު ތ.ވޭމަންޑޫ ސްކޫލުގައި ކުރިއަށްގެންދިޔަ ހަރަކާތަކާ ގުޅިގެން އެއްގަމު އުޅަނދު ވަނުން މަނާކޮށް ބޯޑު ހަރުކޮށްފައި ހުއްޓާ އެ ސަރަހައްދަށް ވަނުމުން ފުލުހުން ބެލި ބެލުމުގައި ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސެންސް ނެތުމުން އޭނާ ޖޫރިމަނާކޮށް ސައިކަލް ޓޯ ކޮށްފައިވާ މައްސަލައެއް ކަމުގައެވެ.

މި މައްސަލައާ ގުޅިގެން ސައިކަލް ދުއްވި ފަރާތުގެ އާއިލާއިން ވަނީ ސައިކަލް ދުއްވީ 18 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާ ސައިކަލް ދުއްވީ ލައިސެންސް ނެތިކަމަށް ވެސް އެއްބަސްވެފައެވެ. ސައިކަލް ދުއްވުމަކީ އޭނާ ކުރި ކުށެއްކަމަށް ކަމަށް ގަބޫލް ކުރާކަމަށް ވެސް ވަނީ ބުނެފައެވެ.

ނަމަވެސް 18 އަހަރުގެ ކުއްޖަކާ ފުލުހުން ބޭއަދަބީ ކޮށް ވާހަކަ ދެއްކުމުން އެކަން ބަލައިނުގަނެވޭނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި މުއާމަލާތުކުރުމުގައި ޚިދުމަތް ލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

އަދި ފުލުހުން ވަނީ ހާދިސާ އިތުރަށް ބެލުމަށްފަހު ޚިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ބޭއަދަބީކޮށް މުއާމަލާތުކުރާ ފުުހުންގެ މައްސަލަތަކުގެ ވާހަކަ މަދުން ނަމަވެސް ރިޕޯޓުކުރެެއެވެ.