21 Jun 2024, 23:33
މަޝްހޫރު އެންޓިވައިރަސް ސޮފްޓްވެއާ ކެސްޕާސްކީ އެމެރިކާގައި ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފިއެވެ.
ރަޝިއާގެ ކެސްޕާސްކީ ލެބުން އުފައްދާ އެންޓިވައިރަސް ސޮފްޓްވެއާ ވިއްކުން މަނާކުރަން ބައިޑަންގެ ސަރުކާރުން ނިންމާފައިވާއިރު، ބުރާސްފަތި ދުވަހު ހާމަކުރި މި ނިންމުމަކީ ރަޝިއާގެ ނުފޫޒާ ގުޅިފައިވާ ސައިބާ ސެކިއުރިޓީގެ ނުރައްކާތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިންވަނީ ރިޕޯޓްކޮށްފައެވެ.
ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯ ވިދާޅުވީ އެ ކުންފުނީގެ މައްޗަށް ރަޝިއާގެ ކޮންޓްރޯލް އޮތުމަކީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
"ކެސްޕާސްކީ ފަދަ ރަޝިއާގެ ކުންފުނިތަކުގެ ބޭނުން ހިފައި އެމެރިކާގެ މީހުންގެ ޒާތީ މައުލޫމާތު އެއްކުރުމުގެ ގާބިލުކަމާއި ވިސްނުން ރަޝިއާއިން ވަނީ ސާބިތުކޮށްދީފައި،" ޕްރެސް ބްރީފިންގައި ރައިމޮންޑޯ ތަފްސީލުކޮށްދެއްވިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ން ފެށިގެން އަމަލުކުރަން ހަމަޖެހިފައިވާ މި މަނާކުރުމުގެ ސަބަބުން ކެސްޕާސްކީގެ އެންޓިވައިރަސް ސޮފްޓްވެއާ އެމެރިކާގައި އަލަށް ވިއްކުމާއި އެ ސޮފްޓްވެއާ އަޕްޑޭޓް ކުރުމާއި ޑައުންލޯޑް ކުރުމާއި ލައިސަންސް ދިނުން މަނާވާނެއެވެ.
މީގެ އިތުރުން ޓްރޭޑް ރެސްޓްރިކްޝަން ލިސްޓަށް ކެސްޕާސްކީގެ ތިން ޔުނިޓެއް އިތުރުކޮށް، އެ ކުންފުނީގެ ހިންގުން އެމެރިކާގައި އިތުރަށް ލިމިޓް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
އެމެރިކާގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި ކޮމްޕިއުޓާ ސިސްޓަމްތަކަށް ވަނުމުގެ އިހްތިޔާރު ލިބިފައިވާ ކެސްޕާސްކީގެ ސޮފްޓްވެއާ ބޭނުންކޮށްގެން ނާޒުކު މައުލޫމާތުތަކެއް ވަގަށް ނެގުމަށް ނުވަތަ މެލްވެއާ އިންސްޓޯލް ކުރެވިދާނެއެވެ.
ހާއްސަކޮށް ކެސްޕާސްކީގެ ކަސްޓަމަރުންގެ ތެރޭގައި ކްރިޓިކަލް އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރުންނާއި ސްޓޭޓް އަދި ލޯކަލް ގަވަމެންޓްތައް ހިމެނޭތީ މި ނުރައްކާ ވަރަށް ބޮޑަށް އޮތް ކަމަށް އޮފިޝަލުން ތުހުމަތު ކުރެއެވެ.
ޖަވާބުގައި ކެސްޕާސްކީ ވަނީ އެއްވެސް ގޯހެއް ނެތް ކަމަށް ބުނެ، ގާނޫނީ ގޮތްތައް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި މި ނިންމުމަކީ "ކެސްޕާސްކީގެ އުފެއްދުންތަކާއި ހިދުމަތްތަކުގެ އިންޓެގްރިޓީ ގެ ފުރިހަމަ އިވެލުއޭޝަނެއްގެ ބަދަލުގައި މިހާރުގެ ޖިއޮޕޮލިޓިކަލް މޫސުމާއި ތިއޮރިޓިކަލް ކަންބޮޑުވުންތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް" ކަމަށެވެ.
މިއީ ހާއްސަކޮށް ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ރިއާޔަތްކޮށް ރަޝިއާގެ ފަރާތުން ކުރިމަތިވެދާނެ ސައިބާ ނުރައްކާތަކާ ދެކޮޅަށް ބައިޑަންގެ ސަރުކާރުން ގެންގުޅޭ ފުޅާ ސްޓްރެޓެޖީއެއްގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގެ މުގައްރިރު ސެނެޓަރު މާކް ވޯނާ މިކަމަށް ތާއީދު ކުރައްވާ ވިދާޅުވީ، "ރަޝިއާގެ ސޮފްޓްވެއާތަކަށް އެންމެ ފުންކޮށް ޑިވައިސް އެކްސެސް ލިބޭ ގޮތަށް އެމެރިކާ މީހުންނަށް ވިއްކުމުގެ ފުރުސަތު ދެމިއޮންނާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް" ކަމަށެވެ.